ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި އުޅުއްވި ކަމަށާއި ލާމަރުކަޒު ނިޒާމުގެ ތެރެއިން ކަންކަން ވާން ވީ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކެންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މާލެ މޭޔަރުކަމުގައި ހުންނަވައި ވަރަށް ފުޅާ ދާއިރާއެއްގައި ލާމަރުކަޒީ މަސައްކަތުގައި އުޅުއްވި ކަމަށެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ފަލްސަފާއަކީ ލާމަރުކަަޒީކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމުގެ މުހިއްމުކަމާއި އޭގެ ފައިދާ އާއި އެކަން ކުރެވޭނެ ގޮތާއި އެކަމުގައި ސަރުކާރުތަކުން ވިޔަސް އަދި ދިމަދިމާލުން ހުރަސްތައް ކުރިމަތިކުރާ ގޮތާއި ކުރާ ހުސްތައް ގިރާކުރަން ކުރާނެ ކަންކަމާއި ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާލެއްގައި އެއްކޮށް އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ. އެހެންވީމަ ލާމަރުކަޒު ނިޒާމުގެ ތެރެއިން ކަންކަން ވާން ވީ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ ބައެއް ކައުންސިލްތަކުގެ މެމްބަރުން އެ ނިޒާމުގެ ނާޖާއިޒް ފައިދާ ނަންގަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުން "ބްލޮކް ކްރާންޓު"ގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާއަށް ތަޖުރިބާ ހޯދުމުގެ ގޮތުން ކުރަންނުޖެހޭ ދަތުރުތައް ކުރަމުންދާ ކަމަށާއި އެފަދަ ތަޖުރިބާގެ ދަތުރުތަކުގައި ވަޑައިގަންނަވަނީ ފައިދާ ނުހޯދޭނެ ގައުމުތަކަށް ކަމަށެވެ. އެފަދަ ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ކައުންސިލްގެ ހުރިހާ މެމްބަރުން ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ޒިންމާތައް އަދާނުކޮށް، ބޭކާރު ގޮތުގައި ކައުންސިލްތަކުން ފައިސާ ހަރަދުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަންކަން ހަމަމަގަށް އެޅުވުމަކީ ނުގަވައިދުން ފައިސާ ބޭނުންކުރަން އޮންނަ މަގުތައް ބަންދުކޮށް، ސީދާ ރައްޔިތުން ބާރުވެރި ކުރުވުމަކީ ހަގީގަތުގައި ލާމަރުކަޒީ ނިޒާމު ޗެންޕިއަން ކުރުމަކީ،" ރައީސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުނިތަކުން އާންމު ވިޔަފާރިވެރިން ކުރާ ވިޔަފާރިތައް ކުރުން ހުއްޓުވުމަށް މަޖިލީހަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުނި ކައުންސިލުން ހަދައިގެން އެއްކަލަ އާންމު ރައްޔިތުން ކުރާ ވިޔަފާރިތެރެއަށް ވަނީމަ، ކިހިނެތް ރައްޔިތުންނަށް ވާނީ؟ އެ ރައްޔިތުންގެ ވިޔަފާރި ގެއްލޭނީ. އެހެންވީމަ އާންމު ރައްޔިތުން ރަށުގައި ކުރާ ވިޔަފާރިތެރެއަށް ކައުންސިލްގެ ކުންފުނި ނުވަންނަ ގޮތަށް މި ބަދަލުކުރަނީ،" ރައީސް ވިދާޅުވިއެވެ.