ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރިމަތިވެފައިވާ ދަތިތަކުން މިހާރު އަރާގަނެވިފައިވާ ކަމަށާއި އަދި ރަށްރަށުގައި ހުއްޓިފައިވާ މަސައްކަތްތަކާއި ކުރިޔަށް ރާވާފައިވާ ހުރި މަސައްކަތްތައް ކުރެވޭނެ މަގު ފަހި ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަރިކިލަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ކުޑަރިކިލުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަމަކީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތް މިވަގުތު ހުއްޓިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެއްވި އިތުބާރަށް ދަމަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ އިތުބާރުގެ ނަތީޖާ ވެސް ދައްކުވައި ދެެއްވަވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ، މި ދަތުރުގައި އަޅުގަނޑު ތިބޭފުޅުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި އެކިއެކި ރަށްރަށުން މި ރަށް [ކުޑަރިކިލު] ހިމެނޭހެން ކުރަންޖެހިފައިވާ ކަންކަމުގައި ކުރިޔަށް ދެވޭނެ މަގު އަޅުގަނޑުމެން ވާނީ ފަހިކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށާއި އަދި ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެރަށުގައި ކުރަން ރާވާފައިވާ އެހެން މަސައްކަތްތައް ފުރިހަމަ ކަމާއެކު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.