ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއި ގަރީނާއާއެކު ހޯދިފައިވާ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
"އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން އެ 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާއާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް އަޅުގަނޑުމެންނަށް ހޯދިފައިވޭ،" ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފިޔަވަޅު ނާޅާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަވާ ނާޒިމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ކޮރަޕްޝަނާއި ދުރު އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށެވެ.
އެގޮތުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުތަކުން ދުރުކޮށްފައިވާ ކަމަށާއި އަދިވެސް އެނޫން އެތައް ފިޔަވަޅުތަކެއް ކޮރަޕްޝަން ހުއްޓުވުމަށް އަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދިވެސް ކޮރަޕްޝަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނު ސަރުކާރުގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ވެސް ދައުވާތައް އުފުލިއެވެ. އެހެންނަމަވެސް އެ ދައުވާތައް މި ތިން ބޭފުޅުންގެ މައްޗަށް ސާބިތުވިއިރު ރައީސް ޔާމީންގެ މައްސަލާގައި އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އަދިވެސް އެ ހިޔާނާތުގެ ބައެއް އެހެން މައްސަލަތައް ކޯޓުގައި އެބަ ކުރިޔަށް ދެއެވެ.
ކުރީގެ ނާއިބު ރައީސާއި ޒިޔަތުގެ މައްޗަށް ވެސް ކުށް ސާބިތުވި ނަމަވެސް އެ ދެ ބޭފުޅުންގެ އަދަބުތައް ލުއިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ދެބޭފުޅުން މިނިވަންކޮށްފައެވެ.