ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށް ޒަކާތުގެ ބިލުގެ ނަމުގައި ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަން ކުރުމާއި، ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ޒަކާތުގެ ފައިސާއިން އިތުރު މަންފާ ހޯދުމަށްޓަކައި ޒަކާތުގެ ފަންޑެއް އުފައްދައި، އެ ފަންޑު ހިންގުމުގެ އުސޫލުތައް ކަނޑައެޅުމަށްވެސް މި ބިލުން މަގުފަހިކުރެއެވެ.

ޒަކާތު ކައުންސިލް

މި ގާނޫނުގެ ދަށުން 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޒަކާތު ކައުންސިލެއް އެކުލަވާލަންޖެހެއެވެ. މި ކައުންސިލްގައި ހިމެނެނީ އިސްލާމިކް މިނިސްޓަރާއި، ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އަދި އެހެނިހެން މުހިންމު މުއައްސަސާތަކުގެ އިސް ފަރާތްތަކެވެ. އަދި ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންވެސް މި ކައުންސިލްގައި ހިމެނެއެވެ.

ޒަކާތު ހައުސް

ބިލުގައިވާ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހޭނެއެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތް ނެގުމާއި، ލިބޭ މުދަލާއި ފައިސާއާބެހޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ހައްގުވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެހެއްޓުމަކީވެސް މި އިދާރާގެ ޒިންމާއެކެވެ.

މި ބިލުގައި ޒަކާތް ނެގުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައަޅައި، ފިތުރު ޒަކާތާއި މުދަލު ޒަކާތް ނެގުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ރަނާއި ރިހި، ހަރުމުދާ، ކުންފުނިތަކުގެ ހިއްސާ، ސުކޫކް އަދި ބޮންޑުފަދަ އެކި ބާވަތްތަކުގެ މުދަލުން ޒަކާތް ނެރެންޖެހޭ މިންވަރު ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނެއެވެ.