ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރުގައި ހުންނަވަނިކޮށް، މިދިޔަ ޖޫން މަހު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ހިމެނޭ ގޮތުން ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގުން ފާހަގަ ކުރެވުނު ކަންކަން އާންމު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސިންގަޕޫރުގައި ހުންނަވައި ރައީސް މުއިއްޒު ޖޫން މަހުގެ އެއް ވަނަ ދުވަހު "އެކްސް"ގައި ވިދާޅުވީ ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ އެއްވެސް މައުލުމާތެއް ފުލުހުން ނުދެއެވެ. އޭގެ ތިން މަސް ފަހުން މިއަދު ހެނދުނު މާލެ އާއި ހުޅުމާލެއިން ދޮޅު ގަޑިއިރަށް ކަރަންޓު ކެނޑިފައިވެއެވެ. އަދި ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރަން ރައީސް އެންގެވިތާ ވޭތުވެދިޔަ ތިން މަހު ތިން ފަހަރެއްގެ މަތިން މުޅި މާލެ ސަރަހައްދުން ކަރަންޓު ގޮސްފައިވެއެވެ.

ފުލުހުން މިއަދު ބުނީ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ ފުރަތަމަ ހޯދުންތަކާއި މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެ މަޢުލޫމާތަކަށް ބަލައި ފުލުހުން މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާ ކަމަށެވެ.

"ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ ގްރޫޕަށް ދޫކުރި މެސެޖެއްގައިވެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ތަފްސީލެއް އެ ކުންފުންޏަކުން ނުދެއެވެ.