މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހުގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު މަރިޔަމް ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ހަދާފައިވާ ވަޓްސްއަޕް ގްރޫޕެއްގައި ނޫސްވެރިޔަކު ޔުމްނުގެ ބަޔާން ނަގައިފިތޯ ސުވާލު ކުރުމުންނެވެ. ނަމަވެސް އަދިވެސް އޭނާގެ ބަޔާން ފުލުހުންނަށް ނުނެގޭ ކަމަށް ބުންޏެވެ.

އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މައްސަލާގައި ފުލުހުން ކުރަމުން ގެންދިޔަ ތަހުގީގަށް އާއްމުންގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މައްސަލަ ބެލުމަށް ވަކި ރިޔާސީ ކޮމިޝަނެއް އުފެއްދުމަށެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާ ގޭގެ މަތިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށެވެ. ރިޔާސީ ކޮމިޝަނުގެ ރިޕޯޓު މިހާރު އާއްމުކޮށް ކޮމިޝަނު ވެސް ވަނީ އުވާލައިފައެވެ.

ޔުމްނުގެ ބަޔާން ނަގާފައި ނުވާ ކަމަށް ފުލުހުން ބުނިއިރު އެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނަށް ވެސް ޔުމްނުގެ ބަޔާން ނެގިފައެއް ނުވެއެވެ. ރިޔާސީ ކޮމިޝަނުން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތްކުރި ނަމަވެސް އެކަމަށް އޭނާގެ އާއިލާ އިން ވަނީ ދެކޮޅު ހަދައިފައެވެ.

ރިޔާސީ ކޮމިޝަނުން ޔުމްނު ވެއްޓުނު ހާދިސަގެ ތަހުގީގު ނިންމާ އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް އޭނާއާއެކު އެރޭ ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލާއި ފުލުހުންގެ އިހުމާލުތައް އެބަހުރި ކަމަށް ބުނެފައެވެ. ދި ރައުދު ނުވަތަ އެހެން މީހަކު ވެސް ގަސްދުގައި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެކަމަކު ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. އެއީ އެރޭ ޔުމްނުއާ އެކު މަސްތުގެ ހާލަތު ރައުދު އުޅެފައިވާތީ އާއި އެކަމުގެ ސަބަބުން ދެން ދިމާވާ ކަންކަމުގެ ޒިންމާ އޭނާ ވެސް އުފުލަން ޖެހޭނެތީ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރުމުން އެ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ރިޕޯޓުގައި ލަފާދީފައިވެއެވެ. އެއީ ފުރާޅުމަތީގައި ޔުމްނު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ކުށުގެ ވެށި ރައްކާތެރި ކޮށްފައި ނެތުމާއި އެ ހާދިސާއާ ގުޅިގެން ހެކި ހޯދުމަށް ބަލަންޖެހޭ ފުރާޅުމަތިން ހެކި ހޯދަން މަސައްކަތް ނުކުރުމުން ކަމަށް ރިޕޯޓުގައިވެއެވެ. އަދި ވެއްޓުނު އިމާރާތުގެ ގުދަން ވެސް ބަލާފައިނުވާ ކަން ކޮމިޝަނުން ފާހަގަކުރިއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައީ ރައުދުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.