ކައުންސިލްތަކުގެ މާލީ މިނިވަންކަން ގެއްލޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ގަސްތުގައި ކައުންސިލުތައް މާލީ ގޮތުން ބަލިކަށިކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ނިޔާޒު ވިދާޅުވީ މި އިސްލާހަކީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި، އަދި ރަނގަޅަށް ބެލުމެއްނެތި، ހަމައެކަނި ކައުންސިލުތައް މާލީގޮތުން ބަލިކަށިކުރުމަށް ގެނެވޭ އިސްލާހެއް ކަމަށެވެ.
ކައުންސިލްތަކުގެ ކުންފުނިތަކުން ކުރާ މުހިންމު މަސައްކަތްތައް
ކައުންސިލްތަކުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ރަށްރަށަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން، ނިޔާޒު ވަނީ މިކަމުގެ މުހިންމު މިސާލުތަކެއް ދައްކަވާފައެވެ. މިގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި، "މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނިން އެ ރަށުގައި ކޮންވެންޝަން ސެންޓަރެއް ހަދަމުންދަނީ، އެރަށަކީ މާސް ޓުއަރިޒަމަށް ފައްކާވެފައިވާ، އެކިއެކި ކޮންވެންޝަންތައް ބާއްވައި، ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ރަށަކަށްވާތީ" އެވެ.
މީގެއިތުރުން ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ މިސާލު ދައްކަވަމުން ނިޔާޒު ވިދާޅުވީ، "އެ ބޭފުޅުން ކުރާ މަސައްކަތަކީ، ކަންމަތީ ފިހާރަ ހިންގުމަށް ވެސް ނޫން. އެ ރަށުގެ ޕަބްލިކް ވަރކްސް، ޕަބްލިކް ޚިދުމަތްތައް، ޕަބްލިކް ވަރކްސްގެ ޚިދުމަތްތައް ދިނުމަށްޓަކައި ހެވީ ވެހިކަލްސް އެތެރެކޮށްގެން މަގުތައް ހެދުމާ، އަދި އެކަމަށް ބޭނުންވާ އެހެން ވިޔަފާރިވެރިންނަށް އެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް" ކަމަށެވެ.
އިސްލާހުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް
ނިޔާޒު ވަނީ މި އިސްލާހުގެ ސަބަބުން ކުރިމަތިވާނެ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، "މި އިޞްލާޙުގައި މި ބުނަނީ، އިންތިޚާބަށް އެއް އަހަރު ވައިރުގައި ތަރައްޤީގެ މަސްއޫލުތައް ނުވަތަ އެއްވެސް މަސައްކަތެއް ކައުންސިލުތަކުން ނުކުރުމަށް" ކަމަށެވެ.
އަދި މިއީ ލާމަރުކަޒީ ގާނޫނުގެ އެހެން މާއްދާތަކާ ފުށުއަރާ ކަމެއްކަން ފާހަގަކުރައްވަމުން، ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭން ކަމަށެވެ. އަދި މި ޕްލޭނަކީ ޤައުމީ އިދާރާއަކުން ފާސްކޮށްފައި އޮންނަ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ފަސް އަހަރުދުވަހަށް އެކުލަވާލެވޭ ޕްލޭނެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ކަމަށްވާއިރު، ބާކީ އެއް އަހަރު އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ހުއްޓުވާލުމަށް މަޖުބޫރުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ރަށްރަށުގެ ތަރައްޤީއަށް ހުރަސްއެޅޭނެ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.