އެމެރިކާ އިން ގަންނަ މުދަލުން އިންޑިއާގެ އަތުން ނަގާ ޓެރިފް 25 ޕަސެންޓު ބޮޑު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމުމަކީ ބޭއިންސާފު ނިންމުމެއް ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވެފައި ވަނީ ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން، ޔޫކްރެއިންގެ އެތައް ބަޔަކު މަރުވަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް އިންޑިއާ ނުވިސްނާ ކަމަށް ވިދާޅުވިއެވެ. އަދި އެއާއެކު އެމެރިކާ އިން ގަންނަ މުދަލުން އިންޑިއާއަށް ނަގަމުން އަންނަ ޓެރިފް އިތުރަށް ބޮޑު ކުރައްވާނެ ކަމުގެ އިންޒާރެއް ޓްރަމްޕް ދެއްވިއެވެ.

އިންޑިއާއަކީ މިވަގުތު ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. ރަޝިއާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް އަރައިގަނެ ހަނގުރާމަ ފެށުމުން ޔޫރަޕްގެ ބައެއް ގައުމުތަކުން ރަޝިޔާއާއެކު ކުރަމުންދިޔަ ވިޔަފާރީގެ މުއާމަލާތްތައް މަދުވިއެވެ. އެއާއެކު އިންޑިއާ އަށް ވެފައި ވަނީ ރަޝިޔާއަށް މުހިއްމު މާކެޓެއްގެ ގޮތުގައެވެ.

އާ ޓެރިފަކީ ކޮބައިކަމެއް ޓްރަމްޕް ވިދާޅެއް ނުވި ނަމަވެސް މިއީ އިންޑިއާއިން 25 ޕަސެންޓްގެ ބޮޑު ޓެކްސްއެއް ނަގާނެ ކަން އިއުލާން ކުރެއްވިތާ ދުވަސްކޮޅެއް ފަހުން ޓްރަމްޕް ވިދާޅުވި ވިދާޅުވުމެކެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ރޭ ބުނީ ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކުގެ ހަމަޖެހުން އިތުރުކުރުމުގެ ގޮތުން، ޔޫކްރެއިން - ރަޝިޔާ ހަމަނުޖެހުންތައް ފެށުނު އިރު ރަޝިޔާގެ ގޭސް އެތެރެކުރަން ފެށުމަށް އެމެރިކާއިން އިންޑިއާއަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ރަޝިއާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން އަންނައިރު، އިންޑިއާއިން ވަނީ އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށްވާ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއި ޓެރިފްތަކާ އެކު ވެސް މިދިޔަ އަހަރު އެމެރިކާއިން ވަނީ ރަޝިއާއާ އެކު ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރު (2.6 ބިލިއަން ޕައުންޑް) ގެ ވިޔަފާރިކޮށްފައެވެ.

"ބޮޑެތި އިގްތިސާދުތަކެކޭ އެއްފަދައިން އިންޑިއާގެ ގައުމީ މަސްލަހަތާއި އިގްތިސާދީ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.