ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76 އިން ފެށިގެން މަތިން މާކްސް ލިބުނު ފަރާތްތަކެއް ގުރުއަތުގައި ބައިވެރި ނުކޮށް ހުރި ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން ނެރެފައިވާ އިއުލާނަކީ ރައްޔިތުންނަށް އޮޅޭގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަފިރިންނަށްވެސް ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް އެއް ފުލެޓް ކަމަށް މިނިސްޓްރީން 15 ނޮވެމްބަރު 2023 ގައި އިއުލާން ކޮށްފައިވެއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، މި އުސޫލާ އެއްގޮތަށް ދެމަފިރިންނަށް ފުލެޓް ލިބޭ ފަރާތްތަކަށް އެއް ފުލެޓް ދިނުމަށްޓަކައި، ރިޒާވުގައި ފުލެޓް ބަހައްޓައި، އެފަރާތްތަކަކީ ކޮބައިކަން އެނގޭނެހެން ވަކިން ލިސްޓް ކޮށްފައިވާނެއެވެ. އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކަނޑައެޅި 100 ފުލެޓާއި، ދެމަފިރިންނަށް ކަނޑައެޅުނު ފުލެޓްތައް ރިޒާވް ކުރުމަށްފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން، މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މި ހުރިހާ މައުލޫމާތަކާއި ކަންކަން އެނގޭނެހެން، ސިޔާސީ ފަރާތްތައް ބަދަލުވި ކަމުގައިވީނަމަވެސް މިނިސްޓްރީން ކޮށްފައިވާ އެއްވެސް މަސައްކަތެއް ގެއްލިގެން ނުދާނެހެން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ބަދަލުވެ މިނިސްޓްރީއާ ހަވާލުވި ސިޔާސީ ބޭފުޅުން، މިނިސްޓްރީގައި އެ މަސައްކަތުގައި އުޅުއްވި ފަރާތްތައް އެކަހެރިކޮށް، ރަނގަޅަށް ކަން ހިނގާފައިވާ ގޮތް ނުބަލައި މަސައްކަތް ކުރަމުން ގެންދިޔުމުގެ ސަބަބުން ގެދޮރުވެރިޔާ ސްކީމުގެ ކަންކަން އޮޅުންބޮޅުންވެ، ރައްޔިތުންނަށް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ދެމުންދާ ތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެދޮރުވެރިޔާ ސްކީމު ފަދަ ރައްޔިތުންނާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ކަން ހިނގާފައިވާގޮތް ނުބަލައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ގަސްތުގައި ވިޔަސް އަދި ގަސްތުގައި ނޫންކަމުގައިވީނަމަވެސް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމަކީ ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމާ ގުޅޭ ގިނަ މަޝްރޫއުތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިމާރާތްކުރި 4،000 ފްލެޓް ދިނުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ބައެއް ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މިނިސްޓްރީން އެދިގެން އެފްޑީސީން ވަނީ މެދުކަނޑާލާފައެވެ.