ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަކިކޮށްފިއެވެ.
އޭނާ މާލިއްޔަތު ކޮމެޓީން ވަކި ކޮށްފައި މިވަނީ ޝުޖާއު އާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށާއި އާއިލާ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުންނާއި އޭސީސީން ބުނެފައި ވަނިކޮށެވެ.
ޝުޖާއުގެ ބަދަލުގައި މާލިއްޔަތު ކޮމެޓީ އަށް ހަމަޖައްސާފައި ވަނީ، ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަނާން މުހައްމަދު ރަޝީދެވެ. ޝުޖާއު ހަމަޖައްސާފައި ވަނީ ތަރިކައާ ބެހޭ ކޮމެޓީއަށެވެ.
އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ އާއްމުވެފައެވެ. މިހާތަނަށް އެ ރިޕޯޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ރިޕޯޓުގައި ވަނީ މިދިޔަ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޝުޖާއުއާ އޭނާގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ދީފައިވާ ކަމަށެވެ.
އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އޮފިޝަލް އިވެންޓްސް އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސްއެވެ. މި ކުންފުނިތަކުގެ ތެރެއިން އޮފިޝަލް އިވެންޓްސް އަކީ ޝުޖާއުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ސްވޯން އަކީ ޝުޖާއު އާއި އޭނާގެ އާއިލީ ކުންފުންޏެކެވެ. ކުއިކް ޝެއާ އަކީ ޝުޖާއުއާ އާއިލީ ގޮތުން ގުޅުން އޮންނަ މުހައްމަދު ނާފިޒުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.
އެފްއައިޔޫގެ ރިޕޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި އޮތް ރަސްމިއްޔާތު ތައްޔާރު ކުރި ސިފައިންގެ ކުންފުނި، ސިވެކަށް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން 23 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ވަނީ ޝުޖާގެ އޮފިޝަލް އިވެންޓަށް ދޫކޮށްފައެވެ.
އޮފިޝަލް އިވެންޓްސް އަށް ދޫކުރި 13 މިލިއަންގެ ތެރެއިން ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ ގޮސްފައިވެއެވެ. އަދި އޮފިޝަލް އިވެންޓްސް އަށް ދޫކުރި ފައިސާގެ ތެރެއިން ބައެއް ފައިސާ އިން އަގުބޮޑެތި ދެ އެޕާޓުމަންޓެއް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށް އެފްއައިޔޫގެ ރިޕޯޓުގައިވެއެވެ. އޭގެތެރެއިން އެއް ފްލެޓަކީ ޝުޖާއު ގަތް ފްލެޓެއް ކަމަށާއި އަދި އަނެއް ފްލެޓަކީ އޮފިޝަލް އިވެންޓުގެ ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމް ގަނެފައިވާ ފްލެޓެއް ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެ ފްލެޓުތަކުގެ އަސްލު އަގަކީ 20 މިލިއަން ރުފިޔާއެވެ.
އެ ރިޕޯޓު އާއްމުވުމުން ފުލުހުން ވަނީ އެ ރިޕޯޓުގެ މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އޭސީސީން މިއަދު ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ އެ ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އައިރު އެ ރިޕޯޓާ ގުޅިގެން ޝުޖާއުއާ ސުވާލެއް ވެސް ކޮށްފައިވާ ކަމެއް ނުވަތަ އެ ރިޕޯޓުގައި ބުނެފައިވާ އެހެން އެއްވެސް ބޭފުޅަކާ ސުވާލު ކޮށްފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.