އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލުގެ "ޅަފަތުގައި" އަނެއްކާވެސް މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށްތަކުގެ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވި ގޮތުގައި، ފެހި ޤާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްޤީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ޤާއިމުވުމެވެ. އަދި 2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާއެކު ފާސްކޮށް ޢަމަލުކުރަމުން އައި އިސްލާހުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް ޕީއެންސީގެ ސަރުކާރުން ކައުންސިލްތަކުގެ މާލީ މިނިވަންކަން ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން، އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިތައް ނުކުރުމަށާއި ކައުންސިލްގެ ދައުރު ހަމަވާން އެއް އަހަރަށްވުމުން، މުވައްޒަފުން ނަގާނަމަ، ސަރުކާރުގެ ހުއްދަ ހޯދަން މަޖުބޫރުކުރުން ހިމެނެއެވެ.
އިބޫ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެކެވެ. މިހާރު ކޮންމެ ރަށެއްގެ އިޚްތިޞާޞް ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފައިވާ ކަމަށާއި، ކައުންސިލްތައް ފުދުންތެރިވާން ފަށައިފައިވާ ކަމަށް އިބޫ ފާހަގަކުރެއްވިއެވެ.
"2019 ވަނަ އަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް،" އިބޫ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެންދިއުމަށް އިބޫ ގޮވާލައްވާފައިވެއެވެ.