ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށާއި އާއިލާ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ޝުޖާއުއާ ގުޅޭ އެފްއައިޔޫގެ ރިޕޯޓު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އެ މައްސަލާގައި ދީފައެއް ނުވެއެވެ.

އެފްއައިޔޫގެ އެ ރިޕޯޓާއި ގުޅިގެން މިހާތަނަށް އެމްއެމްއޭ އިން ވެސް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

މި ރިޕޯޓު އާއްމުވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ރިޕޯޓުގައި ވަނީ މިދިޔަ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޝުޖާއުއާ އޭނާގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ދީފައިވާ ކަމަށެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އޮފިޝަލް އިވެންޓްސް އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސްއެވެ. މި ކުންފުނިތަކުގެ ތެރެއިން އޮފިޝަލް އިވެންޓްސް އަކީ ޝުޖާއުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ސްވޯން އަކީ ޝުޖާއު އާއި އޭނާގެ އާއިލީ ކުންފުންޏެކެވެ. ކުއިކް ޝެއާ އަކީ ޝުޖާއުއާ އާއިލީ ގޮތުން ގުޅުން އޮންނަ މުހައްމަދު ނާފިޒުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ނާފިޒަކީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ.

އެފްއައިޔޫގެ ރިޕޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި އޮތް ރަސްމިއްޔާތު ތައްޔާރު ކުރި ސިފައިންގެ ކުންފުނި، ސިވެކަށް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން 23 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ވަނީ ޝުޖާގެ އޮފިޝަލް އިވެންޓަށް ދޫކޮށްފައެވެ.

އޮފިޝަލް އިވެންޓްސް އަށް ދޫކުރި 13 މިލިއަންގެ ތެރެއިން ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ ގޮސްފައިވެއެވެ. އަދި އޮފިޝަލް އިވެންޓްސް އަށް ދޫކުރި ފައިސާގެ ތެރެއިން ބައެއް ފައިސާ އިން އަގުބޮޑެތި ދެ އެޕާޓުމަންޓެއް ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށް އެފްއައިޔޫގެ ރިޕޯޓުގައިވެއެވެ. އޭގެތެރެއިން އެއް ފްލެޓަކީ ޝުޖާއު ގަތް ފްލެޓެއް ކަމަށާއި އަދި އަނެއް ފްލެޓަކީ އޮފިޝަލް އިވެންޓުގެ ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމް ގަނެފައިވާ ފްލެޓެއް ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެ ފްލެޓުތަކުގެ އަސްލު އަގަކީ 20 މިލިއަން ރުފިޔާއެވެ.

މި ރިޕޯޓުގައިވާ ކަންކަމާއި ގުޅިގެން ޝުޖާއު ވަނީ އެއީ ސައްހަ ރިޕޯޓެއްކަން އޭނާއަށް ކަށަވަރު ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ސައްހަ ރިޕޯޓެއް ނަމަ އެއީ އޭނާގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އެހެން ބައެއް ވިޔަފާރިތަކުން މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އޭނާ ހިއްސާވާ ވިޔަފާރިތަކަށް ގެއްލުން ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ރައީސް ޔާމީން، ރައީސް ސާލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފަ އެވެ. އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައި ވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު، ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ހައްގުގެ ތެރެއިން، އޭނާގެ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ވަޑައިގަތުމަކީ އުންމީދެއް ކަމަށެވެ.

ޝުޖާއުއާ ގުޅޭ އެ ރިޕޯޓު އާއްމުވިތާ މާގިނައިރުތަކެއް ނުވަނީސް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަޝްރަފް އެ މަގާމުން ވަކިކޮށް، އެ މަގާމަށް އިސްމާއިލް ސާޖިދު ވަނީ ހަމަޖައްސާފައެވެ. އަދި މާދަމާ އިން ފެށިގެން ރަސްމީކޮށް ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަންނަވާނެއެވެ.