ގެދޮރުވެރިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ލިބިފައިވާ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މަޑު ޖައްސާލައިފިއެވެ.
ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ. ބައެއް ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުން މަޑުޖައްސާލަން އަންގާފައި ވާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.
މިކަމާއި ގުޅިގެން އެފްޑީސީން މިއަދު ނެރެރައިވާ ނޫސް ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އެކުންފުނިން އަންގަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެފްޑީސީން އެހެން ބުނެފައިވީ ނަމަވެސް އެކުންފުނީގެ ބަޔާނުގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދު ކަމަށްވެސް ބުނެފައިވެއެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް އެފްޑީސީން 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފްޑީސީން ބުންޏެވެ.
ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.