ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ އެންމެން އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި "ރަން ރީނދޫ" ދުވުން ނިންމާލުމަށްފަހު، ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިބޫ މިވާހަކަ ދެއްކެވިއެވެ.
"މިއަދު އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މި ޕާޓީގެ އާންމު މެމްބަރުން ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތް ވިސްނިގެން، އަނެއްކާވެސް އާ ރޫހަކާ އެކީގައި ނުކުމެ، މިކަންތައްތަކަށް ހައްލު ހޯދަން ތައްޔާރަށް ތިބިތަން،" ރައީސް އިބޫ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް އިބޫ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަކީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ކުރިމަތިވަމުން އަންނަ މައްސަލަތަކެކެވެ. އަދި މި މައްސަލަތަކުން އަރައިގަނެވޭނީ އެންމެން އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިމަތިވެފައި މި އޮތް ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެންމެން އެކީގައި އަދި ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެން. އެކަންތައްތައް ހައްލު ކުރެވޭނެ އެކަންތައްތަކުން ސަލާމަތްވެވޭނީ އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްގެން،" ރައީސް އިބޫ ވިދާޅުވިއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭނުންކުރާ ޝިއާރަކީ "އެކުގައި ގަދަކޮށް" އެވެ. އެ ޝިއާރު ބޭނުންކުރަން ފަށާފައި ވަނީ ރައީސް ނަޝީދު އެމްޑީޕީއާ ދުރުގައި ދެ އަހަރު ހުންނެވުމަށްފަހު، އަލުން ގުޅިވަޑައިގެންނެވި ދުވަސްވަރާ ވެސް ދިމާކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރާއި 8 މަސް ފުރުނުއިރު، ޑޮލަރެއްގެ އަގު ކަޅުބާޒާރުގައި ވަނީ 21 ރުފިޔާއަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން ބާޒާރުގައި ދިވެހިން ބޭނުންކުރާ އަސާސީ މުދަލުގެ އަގު ބޮޑުވެ، ކުދި ވިޔަފާރިތައް ބަންގުރޫޓުވެފައިވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް