ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރާލި ޒުވާނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް އޮޓޮޕްސީ ހެދުމަށް ނިންމައިފިއެވެ.

އެ މާރާމާރީގައި މަރުވެފައި ވަނީ ލ. މާވަށު، މޫސާ އިބްރާހިމް، 29، އެވެ. މޫސަ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މީހަކުވެސް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމްފަރު، މުހައްމަދު އިބްރާހިމް، 29އެވެ.

އެ މާރާމާރީ ހިންގިކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނީ މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 10:12 އެހާކަންހާއިރު ކަމަށާއި ޒަހަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މޫސަގެ އޮޓޮޕްސީ ހެދުމަށް ތަހުގީގުން ނިންމާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެއަށް ގެނެސްފައެވެ.

ފުލުހުން މިހާރު ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުވެސް ހޯދައިފައެވެ. ފުލުހުން ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މުހައްމަދު އިބްރާހީމަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.