ގަރާޖު ސިޓީގެ ނަމުގައި އެއް ގެއަކަށް ގިނަ އަދަދެއްގެ ކާރު ރަޖިސްޓްރީކުރާ މައްސަލަ ބޮޑުވެފައިވާތީ، އެކަން މާލޭ ސިޓީ ކައުންސިލުގެ ތެރެއިން ހުއްޓުވާފައިވާނެ ކަމަށާއި މިހާތަނަށް ގަރާޖު ސިޓީ ދޫކުރި ގެތަކުން ނަންތައް އާންމުކުރައްވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ މިހާރު ހުށަހަޅަންޖެހެއެވެ. މާލޭގައި އެއް ގަރާޖަކަށް ގިނަ އަދަދެއްގެ ކާރު ރަޖިސްޓްރީ ކުރުމަށް ކޮރަޕްޝަންގެ ތެރެއިން "ގަރާޖު ސިޓީ" ހައްދައިދޭ މައްސަލަ ވަނީ ބޮޑުވެފައެވެ.
"ރައްޔިތުން ކައިރީ އަޅުގަނޑު މި ބުނަނީ މާލެ ސިޓީ ކައުންސިލަށް އެއްވެސް މުވައްޒަފަކަށް ކިތަންމެ ބައިވަރު ލާރި ދިނަސް، ގަރާޖު ސިޓީއެއް ނުގަވައިދުން ނުލިބޭނެއޭ. ނުދެއްވާށޭ ލާރި. ތި ދެއްވާ ލާރި ހަމަ ގެއްލޭނީ އެހެން ހައްދަވައިފިއްޔާ،" ލާމަރުކަޒީ ގާނޫނުގެ ދަށުން ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ރޭ މިރޭ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މާލޭގެ ބިމުގެ ދަފްތަރުގެ އިއުލާނާ އެކު، ބިންތަކަށް ރަޖިސްޓްރީކޮށްފައިވާ ކާރުތައް އާންމު ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
"އެއީކީ އަޅުގަނޑުމެން ސިއްރު ކުރާނެ އެއްޗެއް ނޫން. އެ ވެސް ހާމަކުރާނެ،" ބައި-އިލެކްޝަނަކުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާލެ މޭޔަރުކަމަށް ވަޑައިގެންނެވި އާޒިމް ވިދާޅުވިއެވެ.
"އޭރުން އެނގޭނެ ތީގެއިން ބޭފުޅެއްގެ ގެއަކީ 1،000 އަކަފޫޓުގެ ގޯއްޗެއް ވެއްޖެއްޔާމުން އެ ގޭގައި އެންމެ ގަރާޖެއް އިންދައި ކީއްވެގެންތޯ 10 ކާރު އެ ގޭގައި ޖަހާފައި އޮތީ. ކަންތައްތައް ހާމަކޮށްގެން ނޫނީ ގައުމުގެ ކަންކަން ރަނގަޅެއް ނުކުރެވޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ހަމަ ހާމަކުރި ވަރަކަށް ރަނގަޅުވާނީ."
އެއް ގެއަކަށް 20-30 އިން ގަރާޖު ސިޓީ ހައްދާފައިވާ ކަމަށް ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ އެ މައްސަލަތައް ފާހަގަވާ މިންވަރަކުން ފުލުހުންނަށް ފޮނުވަމުންދާ ކަމަށެވެ.
ކާރު ގެންނަނީ ގަރާޖު ސިޓީ ހައްދައިގެން ކަމަށްވާނަމަ، ކަރު އޮންނަންޖެހޭނީ ގަރާޖުގައި ކަމަށާއި މަގުމައްޗަކީ ގަރާޖެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.
"ކޮންމެ ވެސް ބަޔަކު ވަކި ހިސާބަކުން ކަންތައް ކުރީމަ މި މައްސަލަ ދިމާވެގެން މިއުޅެނީ. ދެން ފުލުހުން ވެސް މިކަން ތަހުގީގު ކުރަމުންދަނީ. އަޅުގަނޑުމެން ވެސް ފުލުހުންނަށް އެއްޗެހިތައް ފޮނުވަމުން އެބަދަން،" މޭޔަރު ވިދާޅުވިއެވެ.
 
		 
										
										 
 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								