ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ގ. ފިޔާތޮށިގޭ ޙަސަން ޞާބިރު، 73އ، މިއަދު ހެނދުނު ޓްރީޓޮޕް ހޮސްޕިޓަލްގައި އަވަހާރަވެއްޖެއެވެ.

ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައެވެ.

އިޤްތިޞާދީ ދާއިރާގެ އިސް ޚިދުމަތްތެރިއެއް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ޙަސަން ޞާބިރަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ އިޤްތިޞާދީ ދާއިރާތަކުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި ޚާރިޖީ ދާއިރާގައި ވެސް އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޤައުމީ ތަރައްޤީގެ މަސައްކަތްޕުޅުތައް 1978 ގައި ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމާ ހަވާލުވެވަޑައިގަތް ޙަސަން ޞާބިރު، 1985 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. ރާއްޖެއަށް ފުރަތަމަ ގެނެވުނު ކޮމްޕިއުޓަރުގެ ބޭނުން ހިފުމުގައި ވެސް އެމަނިކުފާނުގެ އިސް ދައުރެއް އޮތެވެ.

މަރުޙޫމްގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވާ ގޮތުން، މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު ހަމަ އިސްލާމީ މަރުކަޒުގައެވެ.