ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ޖަލްސާގައި ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ޝަރަފު އެރުވި ހަސަން ސޯބިރު އަވަހާރަވެއްޖެއެވެ.
ހަސަން ސޯބިރަކީ މިހާރުވެސް ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރެވެ. ހަސަން ސޯބިރު އަވަހާރަވުމުން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަސަން ސޯބިރު އަވަހާރަވި ވާހަކަ އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ.
ހަސަން ސޯބިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިން އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް އެމަނިކުފާނު ފުރިހަމަ ކުރެއްވިއެވެ.
އަދި 1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ، ހަސަން ސޯބިރެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވިއެވެ.
އެމަނިކުފާނު ހިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ހިމެނެއެވެ.