އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި މޯދީ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަދި އެމަނިކުފާނު މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުން ވެސް ރައީސް މުއިއްޒު މަރުހަބާ ދެންނެވިއެވެ. އަދި ބޮޑުވަޒީރު މޯދީގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން މޯދީ އަށް މަރުހަބާ ދެންނެވުމަށް ސަގާފީ ކުޅިވަރުތަކެއް ކުޅުނެވެ.
ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގަތުމަށްފަހު ބޮޑުވަޒީރު މޯދީ ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިޔަށް ގެންދިޔައެވެ.
އެއަށްފަހު ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރެވިގެން ދިޔައެވެ. އަދި ރޭގެ ވަގުތެއްގައި ބޮޑުވަޒީރު މޯދީގެ ޝަރަފުގައި ހާއްސަ ފަރިއްކޮޅެއް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މޯދީ ވަނީ މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރި ކޮށްދެއްވައިފައެވެ.
ދަތުރުފުޅު ނިންމާލައްވަވާ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރި ކާމިޔާބު ދަތުރު ނިންމުމަކަށް އަންނައިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުއިއްޒަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރައީސް މުއިއްޒާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.