"މި މަގުތަކުގައި މީގެކުރިން ދަތުރުކޮށް މި މަގުތަކުގެ ތަޖުރިބާ ނުކުރާ މީހަކަށް ނުވަތަ ބަޔަކަށް މިހާރު މި މަގުތަކުގައި ދުއްވާލުމުން މި ކުރެވޭ އިހުސާސެއް އަސްލު ބުނާކަށް ނޭނގޭނެ،" އައްޑޫ ސިޓީގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކޮށްފައި އޮތުމުން އައްޑޫގެ މޭޔަރުގެ ހައިސިއްޔަތުން އަލީ ނިޒާރު "ހަތާވީސް" އަށް ވިދާޅުވީ މިހެންނެވެ.
އައްޑޫ ސިޓީގެ މަގުތަކަކީ އެ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި މީގެކުރިން އޮތް ކަމެކެވެ. އެހެންނަމަވެސް މިއަދު އެ ޝަކުވާ އަށް ނިމުމެއް ވަނީ އައިސްފައެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ 2021ވަނަ އަހަރު އައްޑޫގެ މަގުތައް ހެދުމަށް ހަވާލުކުރި މަސައްކަތް އެކުންފުނިން މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ.
އެ މަޝްރޫއުގެ ދަށުން އެފްކޮންސް އިން ވަނީ އައްޑޫގައި 111 ކިލޯ މީޓަރުގެ މަގުތައް ތަރައްގީ ކޮށްފައެވެ. މަގުތައް ތަރައްގީ ކޮށްފައި ވަނީ ބައެއް މަގުތަކުގައި ތާރު އަޅައިގެންނާއި އަނެއްބައި މަގުތަކުގައި ގައު އަތުރައިގެންނެވެ.
"މީގެކުރިން އަޅުގަނޑުމެން ޖެހެނީ ވާރޭ ވެހޭ ދުވަސް ދުވަހު ވިސްނަން، ކިހިނެއްތޯ އަޅުގަނޑުމެން ދާން ބޭނުންވާ ތަނަށް ދާނީ ކޮން ދިމާލަކުންތޯ ކޮން މަގަކުންތޯ،" އައްޑޫގެ މަގުތައް މީގެކުރިން އޮތް ހާލަތާއި ގުޅޭ ގޮތުން ނިޒާރު ވިދާޅުވިއެވެ.
އައްޑޫ އަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވެ އަމިއްލަ ފަރާތްތަކުގެ ގެދޮރަށް ފެންވަދެ ތަކެއްޗަށް ގެއްލުންވެގެން މީގެކުރިން އެތައް ފަހަރަކު ރިޕޯޓު ކޮށްފައިވެއެވެ. އެކަމަކު ނިޒާރު ވަނީ މިހާރު އައްޑޫގައި ބޯކޮށް ވާރޭވެހުނު ނަމަވެސް ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމް ކޮށްފައި ވާތީ އެކަމުންވެސް ރައްޔިތުންނަށް އެތައް ލުއިފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
"މާލެއަށް ވެސް ދިމާވާހެން އައްޑޫ އަށްވެސް މީގެކުރިން އެންމެ ބޮޑު އެއް ތަކުލީފެއް އުފުލަން ޖެހެނީ ވާރޭވެހި ފެންބޮޑުވާއިރު. އެކަމަކު ރާއްޖޭގައިވެސް ނުހުންނާނެ މިހާރު އައްޑޫގައި މިހުރި ވަރުގެ ފެން ހިންދާ ނިޒާމެއް. ވަރަށް ރަނގަޅު ވަރަށް ކޮލިޓީ ފެން ހިންދާ ނިޒާމެއް މިހުރީ،" ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑޫ އަކީ މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސިޓީއެވެ. އައްޑޫ ސިޓީ ކައުންސިލުން 2022ވަނަ އަހަރު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އައްޑޫގެ އާބާދީ ގާތްގަނޑަކަށް 35،000އާ ވަނީ ގާތްކޮށްފައެވެ. އާބާދީ ގިނަ ސަރަހައްދުތަކުގައި އާއްމުކޮށް ކުށް ކުރާ ރޭޓު އުޅެނީ މަތީގައެވެ. އައްޑޫގައި ވެސް ގޭންގު މާރީމާރީ އާއި މަސްތުވާތަކެއްޗާއި އެނޫންވެސް ކުށް ކުށަށް އަރާ ގަންނަ މީހުން ގިނައެވެ.
އެހެންނަމަވެސް މިއަދު އައްޑޫގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި އައްޑޫ އަކީ އަމާން ތަނަކަށް ހެދުމަށް ބޭނުންވާ އެންމެ ބޮޑު އެއް ވަސީލަތްތައް މަގުތައް ތަރައްގީ ކުރުމާއެކު ވަނީ ގާއިމްކޮށްފައެވެ. އައްޑޫގެ މަގުތަކުގެ މަސައްކަތް އެފްކޮންސް އިން ނިންމާލާފައިވާއިރު އެ ކުންފުނިން ވަނީ އައްޑޫގެ މަގުތަކުގައި 376 ސީސީޓީވީ ކެމެރާ އިންސްޓޯލް ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރަށެއްގެ މަގުތަކުގައި މިހާ ގިނަ އަދަދެއްގެ ސީސީޓީވީ ހަރުކުރި ފުރަތަމަ ފަހަރެވެ.
"ސީސީޓީވީ އައްޑޫގައި މިހުރި އަދަދަށް މާލޭގައިވެސް ނުހުންނާނެ. ހަގީގަތަކީ މި ސީސީޓީވީތަކުން އައްޑޫ ރައްޔިތުންގެ ރައްކާތެރިކަން އިތުރު ކުރެވޭނެ. ފުލުހުންނަށް އެކަން ރަނގަޅަށް ބެލެހެއްޓެންޏާމު. ފުލުހުންވެސް އެބަ ބުނޭ މިހާރު ވެސް ވަރަށް ފަސޭހަ ކަމަށް. ކުށް ކުރުމުގެ ކުރިން މިހާރު އެބަ ފުލުހުން އެޓެންޑުވޭ. ވަރަށް މުހިއްމު ވަރަށް ގިނަ ހިސާބުތަކުގައި ވަނީ ސީސީޓީވީ ހަރުކޮށްފައި،" ނިޒާރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިންޑިއާގެ އެހީގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި. ބިން ހިއްކުމާއި ގުޅިފައިވާ ރަށްތަކަށް ދިއުމަށް ނަލަ ރީތި ބްރިޖެއް ހަދައި ދީފި. އައްޑޫ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން. އައްޑޫ އަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިއްޖެ. އެހެންނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި،" އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން އެފްކޮންސް އިން ވަނީ އައްޑޫގައި 111 ކިލޯ މީޓަރުގެ މަގުތައް ތަރައްގީ ކޮށްފައެވެ. އަދި 160 ކިލޯ މީޓަރުގެ މަގުގައި މަގުބައްތި ވެސް ވަނީ ޖަހައިފައެވެ. މީގެއިތުރުން 106 ކިލޯ މީޓަރުގެ މަގުގައި ފެން ހިންދުމުގެ ނިޒާމު ގާއިމް ކޮށްފައިވެއެވެ. އެފްކޮންސް އިން އައްޑޫގެ މަގުތައް ތަރައްގީ ކުރުމާއެކު އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިއުމަށް ޒަމާނީ ބްރިޖެއް ވަނީ ތަރައްގީ ކޮށްފައެވެ. އެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ ހަތަރު ލޭނު ގާއިމް ކޮށްފައިވާ ބްރިޖެކެވެ.
މި މަސައްކަތްތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ.