މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެ ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެ ދަތުރުފުޅަކީ އާ ފެށުމަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އޭ.އެން.އައި އަށާއި ވިއޯންއަށް އިއްޔެ ދެއްވި އިންޓަވިއުތަކެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ އިޚްލާސްތެރި ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ޤަބޫލުކޮށްފިކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ. އަދި އިންޑިއާއަކީ އަވަށްޓެރި ޤައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ޤައުމެއް ކަމަށާއި، އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ޤަބޫލުކުރާކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ހާމަވާކަމަށެވެ.
ޤައުމުތަކާ އެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަންވެއްޖެ ކަމަށާއި، ޤައުމުތަކާއެކު މަސައްކަތްކުރެވޭނީ އިޚްލާސްތެރިކަމާއެކު ގުޅުން ބާއްވައިގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ވިއޯންއަށް ދެއްވި އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްޤީއަށް އެހީވަނީ ދިވެހިންނާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އެމް.ޑީ.ޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިންމައި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އަޅުގަނޑުމެންގެ އަވަށްޓެރިންގެ ގޮތުގައި މިއޮތީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށާއި އިންޑިއާގެ އިޤްތިޞާދަށް އަންނަ ކުރިއެރުމުގެ ފައިދާ އަޅުގަނޑުމެންނަށް ހޯދެން ޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް، ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.