ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅު އެމަނިކުފާނު ކުރައްވާނީ ދެ ދުވަހަކަށް ކަމަށެވެ. އަދި އެމަނިކުފާނު އަންނަ ހުކުރު ދުވަހު ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅާއި ގުޅޭ ގޮތުން އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ރާއްޖެ އަށް ދަތުރު ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެގައުމުގެ ހާރިޖީ ގުޅުމަށް ވެސް 60 އަހަރު ފުރިގެންދާ އަހަރެވެ. ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ 1965ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މީގެކުރިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ބޮޑުވަޒީރު މޯދީއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެއެވެ. އަދި ދެ ގައުމުގެ މުހިންމު މައްސަލަތަކާއި ސަރަހައްދީ ކަންކަމާ ގުޅޭ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ގުޅިގެން ކުރިއަށް ގެންދެވުނު ބައެއް މަޝްރޫޢުތައް އިފްތިތާހު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ރޭވިފައެވެ