ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން، ބަންޑާރަނައިބު އަހުމަދު އުޝާމް ނުފޫޒު ފޯރުއްވި ވަރަށް ނުފޫޒު ފޯރުވާ ބަންޑާރަ ނައިބެއް ނުދެކޭ ކަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މަހާޒު އެހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މަގާމުން އަހުމަދު މުއުތަޒިމް އަދުނާން ރިޓަޔާ ކުރެއްވުމުން، އެކަމަށް މަރުހަބާ ވިދާޅުވެ، އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
މަހާޒު ވިދާޅުވީ އޭނާ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް، ވަކީލެއް މެދުވެރިކޮށް އުޝާމް އޭނާއަށް ގުޅުއްވި ކަމަށާއި އެ ފޯން ކޯލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށް ވިދާޅުވި ކަމަށެވެ. އަދި 2022 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެއް ވެސް ބަލަން ނޫޅޭ ކަމަށް އެ ވަކީލް ވިދާޅުވުމުން، ޖަވާބުގައި 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމުގަ އެ ވަކީލު އަރިހުގައި ވިދާޅުވި ކަމަށް މަހާޒު "އެކްސް"ގައި ޕޯސްޓް ކުރައްވާފައިވެއެވެ. މަހާޒު ވަނީ އެ ވަކީލާ ދެމެދު ދެއްކި ވާހަކަތަކުގެ "ވަޓްސްއެޕް" ޗެޓްލޮކް ވެސް އާންމު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު ވަކިކުރެއްވީ ސަސްޕެންޝަނުގައި ދެ މަހާއި 18 ދުވަސް ބެހެއްޓެވުމަށްފަހުގައެވެ. އޭނާއާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ ވަކިކުރައްވާފައެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް މަސާޖުޕާލާއަކުން ހައްޔަރުކޮށްގެން ބަންދުކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލުމަށް ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.
ފަނޑިޔާރުވް ވަކިކުރި މައްސަލާގައި އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.