ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހެއްގެ ވެސް 10އެއްގެ ކުރިން ކުލި ދައްކާ ފަރާތްތަކަށް 100 ޕަސެންޓުގެ ސަބްސިޑީގެ މަންފާ ލިބިގެން ދާނެ ކަމަށް އެފްޑީސީން ބުނެފިއެވެ.
އެފްޑީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ހައުސިން ޔުނިޓާ ގުޅިގެން އެފްޑީސީން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން، އާންމު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ބައެއް މައުލޫމާތުތައް ދައުރުވަމުންދާ ކަމަށެވެ.
އެފްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބިގެންދާނެ ކަމަށް އެފްޑީސީން ބުނެއެވެ. އެހެންނަމަވެސް 100 ޕަސެންޓު ސަބްސިޑީ މަންފާ އަކީ ކޮބައިކަމެއް އެކުންފުނީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް އެ މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ހާލަތުގައި، ލިބޭ ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ސަބްސިޑީއަށް އަންނާނެ ބަދަލުތައް:
1- މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހުކުލި ދައްކައިފިނަމަ 75 އިންސައްތަ ސަބްސިޑީގެ މަންފާ
2- މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހުކުލި ދައްކައިފިނަމަ 50 އިންސައްތަ ސަބްސިޑީގެ މަންފާ
3- މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހުކުލި ދައްކައިފިނަމަ 25 އިންސައްތަ ސަބްސިޑީގެ މަންފާ
4- މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެމަހެއްގެ މަހުކުލި ދައްކާނަމަ، ދައްކަންޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނާ މަހުކުލި
އެފްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްދެއްކުމަށް އެދި އެކުންފުނިން ކުއްޔަށް ހިފާ ފަރާތައް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.
އެފްޑީސީން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮންޓަރީގެ އެޕާޓުމަންޓުތަކެވެ. ދެ ކޮޓަރީގެ އެޕާޓުމަންޓަށް ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކަށް ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.
ދެ ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ކުއްޔަކީ 7،000 ރުފިޔާއެވެ. މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދައްކަން ޖެހޭއިރު ދެ ކޮޓަރީގެ އެޕާޓުމަންޓުތަކުގެ ޖުމްލަ ކުއްޔަކީ 8،000 ރުފިޔާއެވެ. ތިން ކޮޓަރީގެ އެޕާޓުމަންޓުތަކުގެ މަހު ކުއްޔަކީ 9،000 ރުފިޔާއެވެ. މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ދައްކަންޖެހެއެވެ. މިއާއެކު ތިން ކޮޓަރީގެ އެޕާޓުމަންޓުގެ ޖުމްލަ ކުއްޔަކީ 10،500 ރުފިޔާއެވެ.
ފްލެޓުތަކުގެ އެއްބަސްވުންތަކުގައި އެފްޑީސީން މިއަދު ވަނީ ސޮއިކުރަން ފަށައިފައެވެ. ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.