އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ރޭވި "ރަން ރީނދޫ" ދުވުން ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ނުލިބުމާ ގުޅިގެން، އެ ހަރަކާތް މާލޭގެ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް އެމްޑީޕީން މިއަދު ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި، ދުވުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ހުއްދަ ދީފައި ވަނީ ހުޅުމާލެ ރުއްގަނޑު އެކެއްގައެވެ. ނަމަވެސް އެއީ އެފަދަ ހަރަކާތެއް ބޭއްވުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި، ސަރުކާރުން މި ހަރަކާތަށް ހުރަސްއަޅަން މަސައްކަތްކުރުމުން، މި މަހުގެ 25 ވާ ހުކުރު ދުވަހު މާލޭގެ މަޖީދީމަގުގައި ދުވުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ހުއްދަ ނުދިނުމަށް ދެއްކި ސަބަބަކީ މިއީ ސިޔާސީ ހަރަކާތަކަށް ވާތީ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުންނެވެ.
ދުވުމުގެ ހަރަކާތް ނިންމުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގައި އިރުއޮއްސި 6:00 ގައެވެ.
އެމްޑީޕީން ކުރިން ނިންމާފައި ވަނީ މި ހަރަކާތް އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށެވެ. އެމްޑީޕީން އެދުނީ ސެންޓްރަލް ޕާކު ވަށައި ދުވުމަށް ހުއްދަ ދިނުމަށެވެ.
ނަމަވެސް އެޗްޑީސީން އެ ހުއްދަ އެމްޑީޕީއަށް ނުދިނީ ރައީސްގެ އެންގެވުމަށް ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ