ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލު މިމަހު ހުޅުވާއިރު އެތަނުގެ ކްރެޑިޓް މި ސަރުކާރާއެކު ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް އިންތިހާބުވެވަޑައިގެން އިންތިގާލީ މަރުހަލާގެ ތެރޭގައިވެސް އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ކަމަށެވެ. އެ ދުވަހު އެއާޕޯޓަށް ވަޑައިގެންނެވިއިރު ޓާމިނަލްގެ ސްޓްރަކްޗާ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.އެހެންނަމަވެސް އާ ޓާމިނަލުގެ މަސައްކަތްތައް ނިންމުމަށްޓަކައި ގިނަ މަސައްކަތްތައް ހުރީ ހަވާލުވެސް ނުކޮށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އާ ޓާމިނަލުގެ ޑިއުޓީ ފްރީ އާއި އެއާޕޯޓުގެ އާ ޓާމިނަލާއި ގުޅޭ މަގުވެސް ހެދުމަށް ހަވާލު ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތްތައް ނިންމީ ވަކި ސަރުކާރަކުން ކަމަށާއި ވަކި ވެރިއެއް ކަމަށް ބުނެ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށެވެ. މި ސަރުކާރުން ވެސް އެންމެ ފުރަތަމަ އާ ޓާމިނަލް ހުޅުވަން ބޭނުންވި ދުވަހަށް ޓާމިނަލް ނުހުޅުވުނު ކަމަށާއި އެކަމުގެ ފަހަތުގައި ވެސް ސަބަބުތަކެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓާމިނަލު މިމަހުގެ 26ވަނަ ދުވަހު ހުޅުވާއިރު މުޅިން އެއްކޮށް ޓާމިނަލެއް ނުހުޅުވައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލު ހުޅުވަނީ މިވަގުތަށް ބޭނުންވާ ވަރަށް ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް ކުރިޔަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ކުރިން އެއްވެސް ވެރިއަކު، ވެރިކަމެއްގައި ކުރެއްވި ކަމެއް ނުކުރައްވާ ކަމެއްގެ ގޮތުގައި ނުދަންނަވާނަން. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވީ ހަމަ، ވަރަށް ބައިވަރު މަސައްކަތްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކުރައްވާފައި އެ ހުރީ. އަޅުގަނޑާ ހަވާލުވިއިރު ހުރި ގޮތް މި ދެންނެވީ،" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓާމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.