ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ވިދާޅުވީ ‏މަރްހޫމް ޔޫސުފް އަލްސަން މުހައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާކުރައްވާ ކަމަށާއި އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

"‏އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުއާ ކުރަން،" ރައީސްގެ ޕޯސްޓުގައިވެއެވެ.

ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުހައްމަދު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.

"މަރްޙޫމް ޔޫސުފް އަލްސަން މުހައްމަދުގެ ލޮބުވެތި އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ،" ނާއިބު ރައީސް ވިދާޅުވިއެވެ.

އެ އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން ރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ރޭ 20:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. މީގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މި ހާދިސާގައި ނިޔާވި ކުއްޖާ އަކީ ތޭރަވާ އަދި އަޝްފާގެ ދަރިފުޅު އަލްސަން މުހައްމަދެވެ.