މާލެ ސިޓީ އާއި ގާތްގަނޑަކަށް 90 ކިލޯ މީޓަރު ދުރުގައި އޮންނަ އއ. މާޅޮހަކީ 400އެއްހާ މީހުން ދިރިއުޅެމުން އަންނަ ކުޑަ ރަށެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ކުރިއަރަމުން އަންނަ މި ރަށުގެ ރައްޔިތުންނަކީ އެކުވެރި އަދި ރަށަށް އަރާ މީހުންނަށް އޯގާތެރިކަމަށް މަޝްހޫރު ރަށެކެވެ.
އެހެން ރަށްރަށާއި ހިލާފަށް މާޅޮހަކީ ކުށްމަދު ރަށެކެވެ. އެކަމަކު މިއަދު އެރަށަށް އިރު އަރައިގެން އައީ އެރަށުގެ ޒަމާންވީ "ކުށްމަދު" ރިކޯޑަށް ނިމުމެއް އައި ދުވަހަކަށެވެ. ރަށުގެ ރައްޔިތުން އަދިވެސް ތިބީ ވާނުވާގައެވެ. ލިބިފައިވާ ސިހުމެއްގެ ބޮޑު ކަމުންނެވެ.
"އެއީ މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ދީފައި ހުރި ހަމަލާއެއް ނޫން. ހަމަ ސީދާ ޖެހި ޖެހީނުން އެމީހަކު ދުނިޔެއިން ވަކި ކޮށްލަން އެ ހަމަލާ ދީފައި އެހުރީ،" ބޮލަށާއި ލޮލަށް ދީފައިވާ ފުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް، 65، ނިޔާވި ހާދިސާއާ ގުޅޭ ގޮތުން "ހަތާވީސް" އަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާޅޮހު ކައުންސިލްގެ ނައިބު ރައީސް ފަޒީލް އަހުމަދު "ހަތާވީސް"އަށް މިއަދު ވިދާޅުވީ އަބްދުއްރަހުމާންގެ ބޮލަށް ހަމާލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި ލޮލަށް ހަމަލާދިނުމުގެ ސަބަބުން ލޯ ދުޅަވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޮލުގެ އެތައް މިތަނުން އެބަހުރި ތަޅާފައި. އަނިޔާކޮށްފައި،" ފަޒީލް ވިދާޅުވިއެވެ.
އެ ރަށުގައި އެފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށާއި މަރުގެ އެ ހާދިސާއާ ގުޅިގެން މުޅި ރަށަށް "ޝޮކެއް" ލިބިފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
އަބްދުއްރަހުމާނަކީ މަސްވެރިއެކެވެ. އާއްމުކޮށް ގޮސް އުޅެނީ ކަންނެލި މަސްވެރިކަމަށެވެ. ރަށުގެ ރައްޔިތުންނާއި އޭނާއާ ދެމެދު އޮންނަ ގުޅުންވެސް ރަނގަޅެވެ. ނަމަވެސް އެންމެންގެ ވެސް ސުވާލަކީ އަބްދުއްރަހުމާނަށް މިވަރުގެ އަނިޔާއެއް މީހަކު ދޭންވީ ކީއްވެގެން ހެއްޔެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދާލުމަށް އެރަށުގެ ބައެއް ރައްޔިތުންނާއި ވާހަކަދައްކާލުމުން ވެސް ހަގީގަތުގައި މިވަރުގެ އަމަލެއް މީހަކު ކުރަން ޖެހޭ ވަރުގެ އެއްވެސް ވާހަކައެއް މީހެއްގެ ދުލަކުންނެއް ހާމައެއް ނުކުރެއެވެ.
ސިހުރު ހަދާ ކަމަށް ތުންތުން މަތިން ދެކެވޭ ވާހަކަތަކެއް
"ހަތާވީސް" އިން ވާހަކަ ދެއްކި އެއްވެސް މީހަކަށް މިކަން ޔަގީން ކަމާއެކު ކިޔައިދޭކަށް ނޭނގެއެވެ. ނަމަވެސް ބައެއް މީހުން ބުނީ މީހުންގެ ތުންތުން މަތިން މިފަދަ ވާހަކަތަކެއް ދައްކާ ކަމަށެވެ.
"ރަށު ތެރޭގައި އެއް އިރެއްގައި ތިޔަ ކަހަލަ ވާހަކަތަކެއް އަޑު އިވުނު [ސިހުރު ހަދާ ކަމުގެ ތުހުމަތު] އެކަމަކު ޔަގީންކަމާ އެކީގައި ތިހެން ބުނާކަށް ނުވާނެތާ ނޭނގެންޏާ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އިތުރު މީހަކު ވެސް ބުނީ އެފަދަ ވާހަކަތަކެއް ކޮންމެވެސް ވަރަކަށް ދައްކާ ކަމަށެވެ. އެކަމަކު އަބްދުއްރަހުމާނުގެ އުޅުން ހުންނަ ގޮތުން އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރުމަށް ދަތި ކަމަށް ބުންޏެވެ. ސަބަބަކީ އޭނާ އަކީ އެންމެންނާއި ވެސް ގުޅޭ މީހަކަށް ވާތީއެވެ.
"އަޑެއް ނާހަން ދުވަހަކުވެސް އޭނާ ސިހުރު ހަދާތީއޭ ކިޔާފައި މީހުންތަކެއް އޭނާއާ ޒުވާބު ކުރި އަޑެއް. އަދި އެއްވެސް މީހަކު ޔަގީންކަމާއެކު އެހެން ބުނާތީއެއް އަޅުގަނޑު އަޑެއް ނާހަން. ނުބުނާނަން ނުކުރެއެކޭ ވެސް އަދި ކުރިއެކޭ ވެސް. އަޅުގަނޑަށް އެނގޭ އަބްދުއްރަހުމާނު އެފަދަ ކަމެއް ކުރާނެ ކަމަށް ހަމަ ހަގީގަތުގައިވެސް ގަބޫލު ކުރަން އަޅުގަނޑަށް ދަތި،" އިތުރު މީހަކު ބުންޏެވެ.
މިއީ ހަމަ ސީދާ އެއްބުރުން މީހާގެ ދުވަސް ދުއްވާލަން ދިން ހަމަލާއެއް
އަބްދުއްރަހުމާނަށް ލިބިފައިވާ އަނިޔާތައް ވަރަށް ބޮޑެވެ. އޭނާ ނިޔާވެގެން ދިޔައީ ވެސް ބޮލަށް ދީފައިވާ އަނިޔާތައް ބޮޑުކަމުންނެވެ. އޭނާގެ މޫނު ނުފެންނަ ވަރަށް ލެއިން އޮތީ "ތަތްތެޅިފަ"އެވެ.
"ހަމަލާ ދީފައި ވަނީ ހަމަ ސީދާ މަރާލަން. އޭނާ ދުވަހަކުވެސް ދިރިނުހުރެވޭ ވަރު ކޮށްލާފައި އެހުރީ. ލިބިފައި ހުރި ޒަހަމްތަކުންނާއި ހަމަލާ ދީފަ ހުރި ގޮތުން އެނގޭ ވަރަށް ބޮޑަށް ޒާތީވެފައިކަން އެހުރީ،" އަބްދުއްރަހުމާނަށް ލިބިފައިވާ ޒަހަމްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން މީހަކު ބުންޏެވެ.
އިތުރު މީހަކު ވެސް ބުނީ ހަމަ މިފަދަ މޭރުމަކުންނެވެ. އެވަރުގެ އަނިޔާއެއް މީހަކު އެހެން މީހަކަށް ދޭނީ ވަރަށް ބޮޑަށް ރުޅި އަރާތީއެވެ. ނަފްރަތު ކުރާތީއެވެ.
"ހާދަހާ އަނިޔާވެރިއޭ. ކިތަންމެ ނަފްރަތު ވިއަސް އެވަރު ކޮށްލާކަށް ނުވާނެ. ބޮލުގެ ނާށިގަނޑުވެސް ފެނޭ،" އޭނާ ބުންޏެވެ.
އަބްދުއްރަހުމާނުގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެ ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުން ބުންޏެވެ.