ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ބައެއް މީހުންނަށް ފްލެޓު ނުލިބޭ ކަމަށް ބުނެ ފޮނުވަމުން އަންނަ ސިޓީގައި ސައްހަ ނޫން މައުލޫމާތު ހިމަނާފައި އެބަހުރި ކަމަށް ފަހި ޔޫނިއަން އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ 4،000 ފްލެޓު ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ކަމަށް ނިންމައިފައެވެ.

އަދި މިހާރު ހައުސިން މިނިސްޓަރު މުއްތަލިބު ވަނީ މި މަސް ތެރޭގައި ފްލެޓުތަކުގެ އެގްރީމަންޓުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. ފްލެޓު ނުލިބޭ މީހުންނަށް އެކަން މިނިސްޓްރީން ދަނީ އަންގަމުންނެވެ.

އެގޮތުން މާލޭގައި 15 އަހަރު ދިރިނޫޅޭތީ ބައެއް ފަރާތްތަކަށް ފްލެޓު ނުލިބޭ ކަމަށް ބުނެ މިނިސްޓްރީން އަންނަނީ ސިޓީ ފޮނުވަމުންނެވެ. އެހެންނަމަވެސް ފަހި ޔޫނިއަންގެ ފަރާތުން ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވަނީ އެ ސިޓީ މިނިސްޓްރީން ފޮނުވަމުން ދަނީ މައުލޫމާތު ކަށަވަރު ނުކޮށް ކަމަށް ވިިދާޅުވެފައެވެ.

އެކަމުގެ މިސާލު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކު ތ. އަތޮޅުގެ ސްކޫލެއްގައި 2012 އިން 2017އަށް މަސައްކަތް ކޮށްފައި ވާތީ މެދުނުކެނޑި މާލޭގައި 15 އަހަރު ދިރިނޫޅޭތީ ފްލެޓު ލިސްޓުން ނަން އުނިވެފައިވާ ކަމަށެވެ. އަދި ސިޓީގައި އެމީހާ އަށް ޕެންޝަން ވެސް އެ ސްކޫލުގައި މަސައްކަތް ކުރިއިރު ޖަމާވެފައިވާ ކަމަށް ސިޓީގައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ނަމަވެސް ހަގީގަތަކީ އެ މީހާ އަށް އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެނގިގެން ދިޔައީ އެ ސިޓީ ލިބުނު ފަހުން ކަމަށާއި އެމީހާ އަކީ މިނިސްޓްރީން އެބުނާ ސްކޫލެއްގައި ދުވަހަކުވެސް މަސައްކަތް ކޮށްފައިވާ ޓީޗަރެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"އެކަށީގެންވާ ވަރަށް ނުބަލާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޓީ ފޮނުވަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

އެކަން ކުރަމުން ދަނީ މިނިސްޓްރީ ތެރޭގައި މިނިސްޓަރު މުއްތަލިބާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.