ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް އިޒްރޭލުގެ ކުންފުންޏަކާއި ހަވާލު ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.
އެކުންފުނިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްއޭސީއެލް އަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ބުންޏެވެ.
"ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ހާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެއެވެ.
ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ހިލާފު އެ ވާހައަކީ އެއްވެސް އަސްލެއްނެތް، އަދި އެ ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއް ކަމަށާއި އެހެންކަމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމަށްވެސް އެ ކުންފުނީގެ ފަރާތުން ރާއްޖެޓިވީއަށް އިލްތިމާސް ކޮށްފައިވެއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، އެމް.އޭ.ސީ.އެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެމް.އޭ.ސީ.އެލްއާމެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް މި ކުންފުނިން މިގެންދަނީ ބަލަމުންނެވެ،" ބަޔާނުގައިވެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ގާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށްޓަކައި އެ ކުންފުނިން މަސައްކަތް ފަށާފައިވާ ވާހަކަ ވެސް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.