މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ އަމަލުތައް ހުރީ ރާއްޖޭގެ އިގްތިސޯދަށާއި މާލީ ކަންކަމަށް އަސަރު ކުރާ ގޮތަށް ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އެމްއެމްއޭ މިއަދު ވަނީ ދުވަހަކުވެސް ސަރުކާރެއްގެ ނުފޫޒަށް ނުދާ ވަރަށް އަދުގެ ސަރުކާރުގެ ނުފޫޒުގައި ޖެހިފައި ކަމަށެވެ.

އަދި މިއީ އާ ގާނޫނުއަސާސީގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި އެމްއެމްއޭގެ ސެންޓްރަލް ބޭންކާ ވަކިވި ފަހުން މިހާ ބޮޑަށް ސަރުކާރެއްގެ ނުފޫޒުގައި އެމްއެމްއޭ ޖެހުނު ފަހަރުކަން ފާހަގަކުރެއްވިއެވެ.

އަމީރުގެ ވާހަކަފުޅުގައި ސަރުކާރުން ރަސްމާލެ ހިއްކުމަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ބޭނުން ކުރަން އުޅޭ ކަމަށް ބުނެ އިއްޔެ ތިލަވި ވާހަކައަށް އަލިއަޅުވާލެއްވިއެވެ.

އެކަމަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޔޫޒަބަލް ރިޒާވް ބޭނުން ކޮށްގެން ރަސްމާލެ ހިއްކުމަކީ އެކަމުގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ. އެ ފައިސާ އަކީ ދައުލަތަށް ދޭ ފައިސާއެއް ނޫން ކަމަށާއި އެއީ ޕްރައިވެޓް ކުންފުންޏަކަށް ދެވޭ ފައިސާއެއް ކަމަށް އަމީރު ވިދާޅުވިއެވެ.

"ރަސްމާލެ ކުންފުންޏަށް ކީއްވެގެންތޯ ސަރުކާރުން އަންގައިގެން އެޑްވާންސް ޕޭމަންޓް ދޭންވީ. އެހެންވިއްޔާ ރާއްޖޭގައި ހުރި ހުރިހާ ޕްރައިވެޓް ކުންފުންޏަކަށް ވެސް އެމްއެމްއޭއިން ލާރި ދޭނެ ހިސާބަށް ދާނެތާ،" އަމީރު ވިދާޅުވިއެވެ.

އަމީރުގެ ވާހަކަފުޅުގައި އެމްއެމްއޭގައި ތިއްބެވި ޓެކްނިކަލް މުވައްޒަފުން ވެސް މިފަދަ ސިޔާސީ ކަމެއް ކުރުމަށް ނުރުހޭނެ ކަމަށް ވިދާޅުވިއެވެ.