ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ސައުދީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އެ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ހިދުމަތްތަކަށާއި، ހައްޖު އަދި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެމަނިކުފާނު ތައުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.