ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އައު ޓާމިނަލްގައި ބަހައްޓާފައިވާ ބެގޭޖު ސްކްރީނިން އަކީ ގަޑިއިރެއްގެ ތެރޭގައި 1200 ބެގޭޖު އެއްފަހަރާ ސްކްރީން ކުރެވޭނެ ގާބިލްކަން ހުރި ބެގޭޖު ސްކްރީނެއް ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އައު ޓާމިނަލްގައި ބަހައްޓާފައިވާ ބެގޭޖު ސްކްރީނިންއާ ގުޅޭ މައުލޫމާތު ދެމުން އެމްއޭސީއެލް އިން ބުނީ މިނެޓެއް ތެރޭގައި 20 ބެގޭޖު ސްކްރީން ކުރާނެ ކަމަށެވެ. އަދި އައު ޓާމިނަލްގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ ޑީ ސްކްރީނިން މެޝިން ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

"މިއީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް،" އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ ކަމަށެވެ. މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށް ދާނީ އޮޓަމެޓިކުން ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

"މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ،" އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން އިތުރަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެއެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވެސް ވާނެއެވެ. މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިހާރުގެ ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހޭކަން އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލޭ ކަމަށާއި ދާގީނާ ސްކޭން ކުރުމުގައި ވެސް އޮންނަނީ އެންމެ ސެކިއުރިޓީ މަރުހަލާއެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.