ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑު ބޭނުންކުރާ މީހުންގެ އަތުން 30 ޕަސެންޓްގެ "ޓެކްސް"އެއް ނަގާ މައްސަލަ ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންދަވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ޓީމޫ، އަލި އެކްސްޕްރެސް، ޝެއިން ފަދަ ތަންތަނުން ވިޔަފާރިކުރާ ފަރާތްތަކުގެ އަތުން 30 ޕަސެންޓްގެ ފީއެއް ބީއެމްއެލުން ނެގުމަކީ "ޓެކްސް"އެއް ނެގުން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޓެކްސް ނެގުމުގެ ބާރު ބީއެމްއެލްއަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މި ޓެކްސް ނެގުން ސަރުކާރުން ހުއްޓާލަންޖެހޭ. މިއީ އިންޑައިރެކްޓް ޓެކްސްއެއް ރައްޔިތުންގެ އަތުން ނަގާ. ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމެއް ނެތް. އެހެންވީމަ މި ޣައިރުގާނޫނީ ބީއެމްއެލުން ނިންމާފައިވާ ނިންމުން އެބޭފުޅުން އެބަޖެހޭ ރިވާސް ކުރަން،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫން ގޮތަކަށް ރައްޔިތުންގެ އަތުން އެއްވެސް ޓެކްސްއެއް ނުނެގޭނެއެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، ގެންދެވެން އޮތް އެންމެ މައްޗަކަށް އެ މައްސަލަ ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ވެފައިވާ "ފްރީ ޓްރޭޑް އެގްރިމެންޓް"ގެ ދަށުން، ޗައިނާއާއެކު ކުރެވޭ ވިޔަފާރިތަކުން ޓެކްސް ނެގުން މަނާކުރާކަން މިހާރުގެ ސަރުކާރަށް ނޭނގޭކަން ފާހަގަކުރައްވައި، އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ ކާޑު ބޭނުންކުރާ ފަރާތްތަކުން މި ޓެކްސް ނަގައިގެން ނުވާނެ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކުރާ މީހުންގެ އަތުން 30 ޕަސެންޓުގެ ޓެކްސެއް ނަގަން ފެށީ ޑޮލަރު ލިމިޓް 250 ޑޮލަރުން އިން 500 ޑޮލަރަށް އިތުރު ކުރުމަށްފަހުގައެވެ.