ގިނަ ބައެއްގެ މަގުބޫލުކަން ހުއްޓެނީ އޭނާގެ ސިފަ ކުރުންތަކުންނެވެ. ވާދަވެރިންނަށް ރައްދު ދިނުމަށް އޭނާ ބުނެލާ މަޖާޒީ ބަސްތަކުން، ސިޔާސީ ޖޯޝް އުފައްދައެވެ. ގިނަ ބަޔަކަށް އޭނާ މަގުބޫލު ވީ، ރީނދޫ ޕޯޑިއަމްގައި ދެއްކި ވާހަކަތަކުންނެވެ. އެއީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.

ވައްޑެ ރޭ ވަނީ އެމްޑީޕީ ޕޯޑިއަމްގައި އެފަދަ މަޖާޒީ ބަސްތަކެއް އަނެއްކާވެސް އަމުނާލާފައެވެ.

"އޮޅިގެން، އޮޅުވާލައިގެން ވެރިކަމަށް އެރިފައި މިހިރަ ޑރ. މުއިއްޒަށް އަޅުގަނޑު ދަންނަވާލަން، ވަރަށް 'ލޮނދި' ތާކަށް އެރުއްވިފާ ތި ހުންނެވީ،" ދެ އަހަރު ފަހުން، އެމްޑީޕީ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ވައްޑެ ރޭ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އަތްފައި ހަރުނުލާ ކައްސާ ގޮތަށް ހުރި "ލޮނދި" ތަނަކީ ރައީސް މުއިއްޒު ހަވާލުވެވަޑައިގެން ހުންނެވި ސަރުކާރެވެ.

"ނޭނގެނީ ކޮން ވަގުތަކު ލާ ބާނިއަކުން، ކޮން ވަގުތަކު ނަގާ ރާޅަކުން، ކޮން ވަގުތަކު އަޅާ އޮއިވަރަކުން ކަން ވެއްޓެނީ. ވެއްޓޭނެކަމީ ޝައްކު ހިނގާކަމެއް ނޫން."

"އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދައުރު މެދުތެރޭ [ކައަންސިލް] އިންތިހާބަކީ އަޅުގަނޑުމެން މީނާ ވައްޓާލާނަން. މީނާގެ ދޮގާއި މީނާގެ މާކަރާއި މީހާގެ މިރާއްޖެއަށާއި މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނެ އިންތިހާބު،" ވައްޑެ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކޮންމެ ދުވަހަކު ދިވެހިންގެ އަތުން އެތައް ހައްގެއް އަތުލަމުންދާ ކަމަށް ފާހަގަކުރައްވައި ވައްޑެ ވަނީ ޒުވާނުންގެ މުޒާހަރާގައި ބައިވެރިވި ދެ ޒުވާނަކަށް ޖިނާއީ ދައުވާކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރުން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ދިގުލަމުންދާތީވެ، އެކަމަށް ވެސް ވައްޑެ ފާޑުވިދާޅުވިއެވެ.

ދުބާއީންނާއި ސިންގަޕޫރުން "އާސަންދަ" ހަމަޖައްސަވައި، ޔޫރަޕުން ބޭސް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާއި ނަމަވެސް ޕެނަޑޯލް ގުޅައެއް ވެސް ރައްޔިތުންނަށް މިއަދު ނުލިބޭ ކަމަށް ވަައްޑެ ވިދާޅުވިެވެ.

އެމްޑީޕީ އަލުން އިންތިޒާމުވެލަންޖެހޭ ކަމަށާއި "އާ ޖޯޝަކާއި އާ ފޯރިއަކާއެކު، ނުކުމެ މި އަނދިރިކަމުން ގައުމު ނެރެ އަނެއްކާވެސް އަލިކަމުގެ ތެރެއަށް" ގެންދާނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ކެބިނެޓް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވެސް ރައީސް މުއިއްޒަށް އިތުބާރު އޮތީ މަދު ބަޔަކަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ނާކާމިޔާބުވެވަޑައިގެންނެވުމުން، ޕާޓީން ވަކިވެ، ޑިމޮކްރެޓްސް އުފެއްދެވުމަށްފަހު ވައްޑެ ވަނީ އެމްޑީޕީގެ ވެރިކަން ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.