އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ޓިކެޓް ދޫކުރުމުގައި ޒުވާނުންނަށް 33 ޕަސެންޓް ޖާގަ ހާއްސަކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުނު ކަރުދާހުގައިވާ ގޮތުން، ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ޕާޓީން ޓިކެޓް ދޫކުރާއިރު، 33 ޕަސެންޓް ޖާގަ ޒުވާނުންނަށް ކަނޑައަޅަން ޖެހޭނެއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ޓިކެޓް ދޫކުރުމުގައިވެސް 33 ޕަސެންޓް ޖާގަ ޒުވާނުންނަށް ހާއްސަކުރަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީ ކައުންސިލް ޕްރައިމަރީ ޓައިމްލައިން:

  • ސެޕްޓެންބަރު 1، 2025: ޝައުގުވެރިވާ މީހުން ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލުން
  • އޮކްޓޯބަރު 16، 2025: ޕްރައިމަރީއަށް ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން އާންމުކުރުން
  • ނޮވެންބަރު 15، 2025: ޕްރައިމަރީއަށް ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ޕާޓީން ހިންގާ ޕްރޮގްރާމެއް ފުރިހަމަކުރުން
  • ޖެނުއަރީ 10، 2026: ޕްރައިމަރީ ބޭއްވުން

މި އުސޫލުގެ ދަށުން ޒުވާނުންނަށް ހާއްސަކުރެވޭ ޖާގަތަކަށް ވާދަކުރެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ނިންމުމަކީ ޒުވާނުން ސިޔާސީ މައިދާނަށް ނުކުތުމަށް ހިތްވަރު ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އެމްޑީޕީން ފާހަގަކުރެއެވެ.

ޒުވާނުންނަށް މިފަދަ ޖާގައެއް ހާއްސަކުރުމަކީ ގައުމުގެ ސިޔާސީ މަސްރަހުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ޒުވާނުންގެ އަޑު އިތުރަށް އުފުލި، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ބެލެވެއެވެ.

ވެޓިން ޕްރޮސެސް:

އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުރުމަށް ލާޒިމުކޮށްފައެވެ. އެގޮތުން ގާނޫނީ ގޮތުން ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅާ މީހުންގެ އިތުރުން މުޖުތަމައުގައި ފާހަގަކުރެވޭ ބޮޑެތި އަހުލާގީ މިންގަނޑުތަކުން އެއްކިބާވެފައިވާ މީހުންނަށް އެމްޑީޕީ ޓިކެޓުގައި ވާދަ ނުކުރެވޭނެ ގޮތަށް ނިންމާފައެވެ. އެގޮތުން ކުޑަކުދިންނާ ބެހުމާއި ގެވެށި އަނިޔާގެ ކުށް ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުންފަދަ ކަންކަން ކުރާ މީހުންނަށް އެ ޕާޓީގެ ޓިކެޓުގައި ވާދަ ނުކުރެެވޭނެ ގޮތް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.