ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް، ވަކީން ހާއްސަކޮށް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4) ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިލާން ޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިޑްސްއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު، މާލީ އިސްލާހުތަކަކަށް ވަކާލާތުކުރައްވާފައެވެ. އަދި ތަރައްގީއަށް ވުނަކުރުމަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްގީކޮށް، ކޮންސެޝަނަލް ލޯނު ނުވަތަ އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ލޯނުހޯދުމާއި، އެފަދަ ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، ނައިބު ރައީސް ވަނީ ދެއްވާފައެވެ. ސިޑްސް އަށް ހާއްސަ ކުރެވިގެން ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަކުރައްވައި، އެފަދަ ހިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފައެވެ.