ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތް ކަމަށް ބުނެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި، ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނާނެ ކަމަށާއި، އަދި ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގައި ހިފަހައްޓާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު: ފޮޓޯ | މަޖިލިސް

"މި ވަގުތު ވެސް 120 ޓަނަށް ވުރެ ގިނަ ބޮޑު ކަންނެލި ވަނީ އެކި ދޯނިފަހަރުގައި ނުކިރިފައި. މި މަސްތައް ގިނަ ދުވަސްވަމުންދާތީ ހަލާކުވެދާނެ ކަމުގެ ބިރު އެބައޮތް،" ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިން ބާނާ މަސް ކިރުމަށް ކިއުގައި އެތައް ދުވަހެއް ވަންދެން ތިބެންޖެހޭ ކަމަށާއި، ކިރުވާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާ ކަމަށް ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުތަކުގެ ތެރެއިން މި ވައުދު އަދި ފުއްދިފައިނުވާ ކަމަށް ޒިޔާދު ފާހަގަކުރައްވާފައިވާއިރު، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.

ޒިޔާދު ހުށަހެެޅުއްވި ކުއްލި މައްސަލަ 40 މެމްބަރުންގެ ވޯޓުން ވަނީ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރަން ފަށާފައެވެ.