ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކޮށް، އީ-ކޮމާސް މުޢާމަލާތްތަކަށް 30 ޕަސެންޓްގެ ފީއެއް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވަނީ ފާޑު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، "ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް" ކަމަށެވެ. އަދި އީ-ކޮމާސްއަށް ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް އައު 30 ޕަސެންޓްގެ ފީ ނެގުމުގެ ސަބަބުން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ބްލެކް މާކެޓަށްވުރެ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

https://web.facebook.com/share/p/1Ar2Vn17h5/

ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވަނީ، މި ނިންމުމަކީ "މަލްޓިޕަލް އެކްސްޗޭންޖް ރޭޓް ސިސްޓަމެއް ރަސްމީކޮށް ހިންގުމުގެ މަރުހަލާއަށް ދިއުން ކަމަށާއި، މިއީ މިހާރުގެ ސަރުކާރުގެ ސީދާ ނާކާމިޔާބީއެއް" ކަމަށެވެ. އަދި މިއީ އިޤްތިޞާދީ ގޮތުންނާއި ބޭރު ފައިސާގެ ހަމައެއް ނެތް ސިޔާސަތުތައް ފެއިލްވުމުގެ ބުރަ ޢާންމު ރައްޔިތުންގެ ބޮލުގައި އަޅުވަން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫނެވެ. މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިންގ ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުމަށް ކުރާ ކަމެކެވެ.

މި މައްސަލައިގައި ފައްޔާޒް ވަނީ ސަރުކާރަށް "ޤާބިލު ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް" އިލްތިމާސްކުރައްވާފައެވެ.