ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރަތް ކޮށްފައިވާ 4،000 ފްލެޓުތައް ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމަށް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އެގްރީމަންޓުތަކުގައި ސޮއި ކުރެވެން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ފްލެޓުތައް ހަވާލުކުރުން ލަސް ކުރާ ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ މިއަދު މަޖިލިސް ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލާފައި ވަނިކޮށެވެ.
ކުޑޫ ވަނީ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ އެކްސްގައި ޕޯސްޓު ކުރައްވައިފައެވެ. އަދި އެ ޕޯސްޓަށް މިނިސްޓަރު މުއްތަލިބު ވަނީ އެކްސްގައި ޖަވާބު ވެސް ދެއްވައިފައެވެ.
މިނިސްޓަރު ވަނީ ފްލެޓުތަކުގެ މައްސަލާގައި އިންތިހާބީ ފަރާތްތަކުން މިފަދަ މައްސަލަތަކުގައި އާއްމުންނަށް އޮޅުން އަރާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރައްވައިފައެވެ.
ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތްތައް އަންނަ މަހު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތަކަށް އެގްރީމަންޓުތައް ހަވާލު ކުރުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީން އެގްރީމަންޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ވިދާޅުވީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ފްލެޓުތަކުގެ އެގްރީމަންޓުތަކުގައި ސޮއި ކުރެވެން ފެށޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ކަމަށާއި މި ސަރުކާރުން އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.