އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވުރެ މިވަގުތު އިސްކަން ދޭންވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިބޫ އާއި އެ ޕާޓީއާ ދާދިފަހުން އަލަށް ގުޅިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އިއުލާން ކުރައްވައިފައެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެއްސެވުމުން އިބޫ ވިދާޅުވީ އެއީ މިހާރު "ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ނުދެއްވައި, އެމަނިކުފާނު ވިދާޅުވީ މިވަގުތު އިސްކަން ދޭންވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ. އަދި މިވަގުތު ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ކަންކަން އެހެން ބޭފުޅުން ވެސް މަޑުޖައްސާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގެ އިންޓަރެސްޓް ހުރި ބޭފުޅުން މަސައްކަތް މިހާރު ވެސް އެބަ ކުރައްވާ. އެކަމަކު އަޅުގަނޑަށް ފެންނަނީ އިހަށް އެ ކަންކަން މަޑުޖައްސަވަން އެބޭފުޅުން ވެސް." އިބޫ ވިދާޅުވި އެވެ.
ނަޝީދާއި ޑިމޮކްރަޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އިބޫ ވިދާޅުވީ އެ ދެ ޕާޓީގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށާއި އެހެންވެ, އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އެއްވެސް ބައެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ މާޒީގެ ތެރެއަށް އަބަދު ވިސްނައިގެން އޮންނާނެ ޕާޓީއެއް ނޫނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ވެސް ޑިމޮކްރަޓްސް ޕާޓީއާ އެކު އެމްޑީޕީން ކޮންމެވެސް ވަރަކަށް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކުރި ކަމަށާއި ނަމަވެސް ފަހުން އެމްޑީޕީއާ ގުޅުމަށް ނިންމުމުން އުފާ ކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"މިއަދު ވަރަށް އުފާވޭ އިނގޭތޯ ޑިމޮކްރެޓްސް އައިސް އެމްޑީޕީއާ ގުޅުނީމަ. އަޅުގަނޑުމެންގެ ދެބައިމީހުންގެ މިހުރީ ގާތްގަނޑަކަށް ހަމަ އެއް ވިސްނުމެއް،" އިބޫ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސުވާލު ކުރުމުން އިބޫ ވިދާޅުވީ އިންތިހާބުން ނާކާމިޔާބުވީ ހަމައެކަނި ޑިމޮކްރަޓްސްގެ ސަބަބުން ނޫން ކަމަށެވެ. އަދި އޭރުގެ ސަރުކާރާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އޭރު ދައްކަމުންދިޔަ ހަގީގަތާ ހިލާފް ވާހަކަތަކަކީ އިންތިހާބު އެމްޑީޕީއަށް ގެއްލުނު އެންމެ ބޮޑު އެއް ސަބަބު ކަމަށް ވިދާޅުވި އެވެ.