ރާއްޖޭގެ ބައެއް ރިސޯޓުތަކުން، އެތަންތަނުގެ މުވައްޒަފުންނަށް މީގެކުރިން ޑޮލަރުން ދެމުންދިޔަ ސާވިސްޗާޖު އަންނަ މަހުން ފެށިގެން ދިވެހި ރުފިޔާ އިން ދޭން ނިންމުމަށް ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް އަންނަނީ އަމަލުކުރަމުންނެވެ. މިއާއެކު ރާއްޖޭގެ ބައެއް ބޮޑެތި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުނިތަކުން ވަނީ އަންނަ މަހުން ފެށިގެން ސާވިސްޗާޖު ރުފިޔާ އިން ދޭން ނިންމައިފައެވެ.
އެ ނިންމުމަށް ފާޑު ވިދާޅުވެ ގާސިމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ. ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުން އެ ހައްގު މުވައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ވެސް ޑޮލަރުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ޑޮލަރުން ނޫން ގޮތަށް މުވައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ގާސިމްގެ ބަޔާނުގައި ވިދާޅުވިއެވެ.
"މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއްވެސްމެއެވެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުވައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާ އިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެ ކަމަށް އަޅުގަނޑު ދެކެމެވެ،" މާމިގިލި ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ ވެސް އެތައް ހާސް މުވައްޒަފުންތަކެއް ގެންގުޅޭ އަދި "ކެޓަގަރީ އޭ" ގެ ރިސޯޓުތަކެއް ހިންގަވާ ބޭފުޅެއް ކަމަށެވެ. އެހެން ރިސޯޓު އޯނަރުންނަށް އެ އޮންނަ ދަތި އެމަނިކުފާނަށް ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ގާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުވައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައި ވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ،" ގާސިމް ފާހަގަކުރެއްވިއެވެ.
އޭނާގެ ބަޔާނުގައި ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހި ރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރުތަކެއް ލިބިފައިވާތީ އެކަމާއިވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މުވައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށާއި ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުވައްޒަފު މީހާ އެކަމަށް އިއްތިރާޟް ނުކުރާ ނަމަ ކަމަށް ގާސިމް ވިދާޅުވިއެވެ.