މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު މާލޭގެ ގެެއެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް ދޮގު ބަޔާން ދިން މައްސަލާގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަޙްމަދު މަގާމުން ވަކިކޮށްފިއެވެ.
ދާއޫދަކީ އަންހެން ކުއްޖާ ވެއްޓުމުގެ ހާދިސާގައި އެކުއްޖާ ވެއްޓުމާއި ހަމައަށް އެންމެ ކައިރީގައި ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބޭބެއެވެ. އެ މައްސަލަ ފެންމަތިވުމުން ދާއޫދު އެންމެ ފުރަތަމަ ހުރީ މަގާމުން ސަސްޕެންޑުކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރާތީ ދާއޫދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފަރާތެވެ. އެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ އެ މަގާމުން ވެސް އިސްތިއުފާ ދީފައެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިންމާފައިވާއިރު އެ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ދާއޫދު ގުޅާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުންނަށް ބަޔާން ދެމުން ދާއޫދު ވަނީ މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް އޭނާ ގުޅާފައި ނުވާނެ ކަމަށް ބުނެ، ދޮގު ބަޔާން ދީފައެވެ. އަދި އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ގާތުގައި ދައްކާފައި ނުވާ ކަމަށްވެސް ބުންޏެވެ.
ކޮމިޝަންގެ ރިޕޯޓުގައި ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައިވެސް ފުށު އެރުންތަކެއް އެބަހުރި ކަމަށްވެސް ބުނެފައިވެއެވެ.
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އިފްތިތާހްކޮށްފި
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު