މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި, ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް އޭނާއާއެކު އެރޭ ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލާއި ފުލުހުންގެ އިހުމާލުތައް އެބަހުރި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަންގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ.

ކޮމިޝަންގެ ރިޕޯޓުގައިވަނީ ކޮމިޝަނުން ބެލި ބެލުމުން, ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށާއި އަދި ރައުދު ނުވަތަ އެހެން މީހަކު ވެސް ގަސްދުގައި އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށް ވެސް އޮތް ކަމަށް ނުބެލެވޭ ކަމާއި ރައުދު އަހުމަދު ގަސްދުގައި ހައްވާ ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވައްޓާލި ކަމަށް ވެސް މި ކޮމިޝަނަށް ނުފެނެ އެވެ." އެ ރިޕޯޓުގައިވެއެވެ.

އެކަމަކު ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. އެއީ އެރޭ ޔުމްނުއާ އެކު މަސްތުގެ ހާލަތު ރައުދު އުޅެފައިވާތީ އާއި އެކަމުގެ ސަބަބުން ދެން ދިމާވާ ކަންކަމުގެ ޒިންމާ އޭނާ ވެސް އުފުލަން ޖެހޭނެތީ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރުމުން އެ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ރިޕޯޓުގައި ލަފާދީފައިވެއެވެ. އެއީ ފުރާޅުމަތީގައި ޔުމްނު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ކުށުގެ ވެށި ރައްކާތެރި ކޮށްފައި ނެތުމާއި އެ ހާދިސާއާ ގުޅިގެން ހެކި ހޯދުމަށް ބަލަންޖެހޭ ފުރާޅުމަތިން ހެކި ހޯދަން މަސައްކަތް ނުކުރުމުން ކަމަށް ރިޕޯޓުގައިވެއެވެ. އަދި ވެއްޓުނު އިމާރާތުގެ ގުދަން ވެސް ބަލާފައިނުވާ ކަން ކޮމިޝަނުން ފާހަގަކުރިއެވެ.

ޔުމްނު ވެއްޓުނު މައްސަލާގައީ ރައުދުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރަނީ

އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ.