ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންނާ ފްލެޓްތައް ހަވާލު ނުކުރާ މައްސަލަ ކޯޓަށް ހުށަހެޅުމުން, ފްލެޓް ހަވާލުކުރަން އެންގުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ހަދައި، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ފްލެޓްތައް ހަވާލު ނުކުރާތީ އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް އެ މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ނިންމީ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާތީ އާއި އެއްވެސް ފަރާތަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ މަސައްކަތެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރުނެވެ.

ނަމަވެސް ފަހުން މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ބުނެފައިވެ އެވެ.