މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލް ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ރައުދު އާއި އޭނާގެ އާއިލާ ބައެއް މީހުން އެއާޕޯޓުގައި ތިއްބާ ފެންނަ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. އަދި ރައުދު އެއާޕޯޓުގައި ހުރީ ރާއްޖޭން ބޭރަށް ދިއުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ ރައުދު ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ރައުދު ފުރުން މަނާ ކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށް ފުލުހުން ބުންޏެވެ.

ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްފަހު މިމަހުގެ ހަތަރުވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ޕީޖީން ބުނީ ރައުދުގެ މައްޗަށް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ދައުވާ ކުރީ ރައުދު ، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ވެސް ޕީޖީން ބުނެއެވެ.

މި މައްސަލަ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނަނީ އެއް އަހަރާއި 6 ދުވަހުގެ ޖަލު އަދަބެކެވެ.

ފުލުހުންގެ ހައްޔަރުގައި ދުވަސްކޮޅަކަށް ބެހެއްޓުމަށްފަހު ރައުދު ވަނީ ޕީޖީގެ ލަފާގެ މަތީން ދޫކޮށްލައިފައެވެ.