ސީލައިފް ގްލޯބަލް ކުންފުނިން ހިންގި ހައުސިން މަޝްރޫއުއާ ގުޅިގެން އެ ކުންފުނީގެ ކިބައިން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައުވާ ކުރުމަށްފަހު އެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

އެޗްޑީސީން ސީލައިފްއާ ދެކޮޅަށް ދައުވާކުރީ ސީލައިފް 2014 ވަނަ އަހަރު ހަދަން ހަވާލުވި 3,000 ފްލެޓްތަކުގެ މަސައްކަތް ނުނިމި، އެ ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ އަނބުރާ ދައްކާފައިނުވާތީ އެކަމަށް އެޗްޑީސީން ކުރި ހަރަދު ހޯދުމަށެވެ.

ބުކިން ފީ ދެއްކި މީހުންނަށް އެޗްޑީސީން 46 މިލިއަން ރުފިޔާ ދިންއިރު މިހާތަނަށް ނުދެވި ހުރި ދެ މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަދުތައް ހިމެނޭގޮތުން 49 މިލިއަން ރުފިޔާ ހޯދުަމަށް އެޗްޑީސީން ދައުވާކުރި އެވެ.

ނަމަވެސް އެ ދައުވާ އަނބުރާ ގެންދަން އެޗްޑީސީން މިދިޔަ ޖެނުއަރީ މަހު ސިވިލް ކޯޓަށް ސިޓީ ފޮނުވި އެވެ. އެހެންކަމުން ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލް ކުރުމަށެވެ.

ހުޅުމާލޭގައި 3،000 އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާ ސީލައިފުން ހިލާފްވެ އަދި އެ މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން ބާތިލްކުރީ ޑިސެމްބަރު، 2018 ގަ އެވެ.

ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހައްޔަރުކޮށް, އޭނާގެ ގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ކޮށްފަ އެވެ. ނަމަވެސް އޭނާ މިހާރު ހުރީ ބަންދުން ދޫކޮށްފަ އެވެ.