ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖަލަށްލި މައްސަލާގައި ދިފާއީ ވަކީލުންނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ފީ ނުދައްކާ ކަމަށް ބުނެ ޕްރިމިއާ ޗެމްބާސްއިން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ނާޒިމް 2015 ވަނަ އަހަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ އުޅުއްވި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކޮށް, އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

އޭރު ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަކާލާތުކުރީ ޕްރިމިއާ ޗެމްބާސްގެ ވަކީލުންނެވެ.

ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ދީފައިވާ ގާނޫނީ ހިދުމަތްތަކަށް 977،353ރ. އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޕްރިމިއާ ޗެމްބާސްއިން ފޮނުވި އަގަށް ނާޒިމް އެއްބަސްވެފައިވާނުވާ ކަމަށެވެ. އަދި އޭރު އިންވޮއިސްތަކަށް އީމެއިލް މެދުވެރިކޮށް ޖަވާބު ދިނީ ނާޒިމްގެ ފަރާތުން ހުއްދަ ދިން ފަރާތަކުން ކަން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެ އަގަށް ނާޒިމް ފަހުން އިންކާރު ކުރައްވާފައިވާތީ, ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތް ކަމަށް ހުކުމުގައިވެއެވެ. އެހެންވެ, އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ނާޒިމް ޖަލަށްލި މައްސަލާގައި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ފަހުން ވަކާލާތު ކުރެއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް އޭނާ މިނިވަންކުރީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޭނާގެ ޖަލު ހުކުމް ބާތިލް ކުރުމުންނެވެ.