ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތިތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ރޭ އަތުލައިގަތްއިރު އެތަކެއްޗާއި ހަވާލުވާން ގޮސްފައި ވަނީ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ
ކަސްޓަމްސް އިން ރޭ އެކްސްގައި ބުނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތި އަތުލާފައި ވަނީ ކަސްޓަމްސްއިން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް ބުންޏެވެ.
އެ ތަކެއްޗާއި ހަވާލުވާން ގޮސްފައި ހުރީ ބިދޭސީއެއް ކަމަށާއި އެމީހާ ފުލުހުންނާއި ހަވާލުކުރީ ކަސްޓަމްސް އިން ކަމަށް ފުލުހުން މިރޭ ބުންޏެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ 35 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މިފަދަ މައްސަލަތަކުގައި އާއްމު ގޮތެއްގައި ކަސްޓަމްސް އިން ކުރަންޖެހޭ ސުވާލުތައް ކުރުމަށްފަހު އެ ފަރާތެއް ހަވާލުކުރާނީ ފުލުހުންނާއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިނޮއިޑްސް ކަމަށާއި އަތުލައިގަތް ޕެކެޓުތަކުގައި 18.62 ކިލޯ ހުރި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 26 މިލިއަން ދިވެހި ރުފިޔާއެވެ.
ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯ އާއި ވީޑިއޯ އާއްމު ކޮށްފައެވެ. އޭގެއިން ފެންނަ ގޮތުގައި މިތަކެތި ރައްކާ ކޮށްފައި ވަނީ ގަސް ޕޮޓުތައް ފަދަ ތަކެތީގެ އެތެރޭގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ