މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރީލް މަހުގައި ވެސް ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައި ވާތީ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ކަރަންޓަށް މުޅިން އައު ޓެރިފް ރޭޓުތަކެއް ކަނޑައަޅައި އެއަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފައެވެ. އާ ޓެރިފް ރޭޓުތަކެއް ކަނޑައަޅައި އެ ރޭޓުތަކަށް އަމަލު ކުރަން ނިންމާފައިވާކަން އިއުލާން ކުރެެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ރައީސް މުއިއްޒެވެ.
ސްޓެލްކޯ އިން ރޭ ބުނީ މިދިޔަ މޭ މަހުގެ ކަރަންޓު ބިލު ތައްޔާރު ކޮށްފައި ވަނީ އައު ޓެރިފް ރޭޓަށް ކަމަށެވެ. ނަމަވެސް ކަރަންޓު ބިކު އައިއިރި އޭޕްރީލް މަހަށްވުރެ ވެސް މޭ މަހުގެ ކަރަންޓު ބިލު ބޮޑުވުމުން އާއްމުން ވަނީ އެކަމާއި ޝަކުވާކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.
ސްޓެލްކޯ އިން ވަނީ އެކަން ހިނގާދިޔަ ގޮތް އާއްމުންނަށް ސާފުކޮށްދީފައެވެ.
އެގޮތުން އެކުންފުނިން މިރޭ ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ.
އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ޓެރިފް ރޭޓަށް ގެނެސްފައިވާ ބަދަލުތައް:
- ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 - އަލަށް ކަނޑައެޅި ރޭޓް - 1.25
- ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 - އަލަށް ކަނޑައެޅި ރޭޓު 1.50
- ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 - އަލަށް ކަނޑައެޅި ރޭޓަކީ 2.66
- ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 - އަލަށް ކަނޑައެޅި ރޭޓަކީ 3.25
- ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 - އަލަށް ކަނޑައެޅި ރޭޓު 3.83